މިއަހަރު ބްރެޒިލްގައި އޮންނަ ވޯލްޑް ކަޕަށް ނަގާ އިންގްލެންޑްގެ ސްކޮޑުން ޖާގަ ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޗެލްސީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އިނގިރޭސި ގައުމީ ޓީމަށް ރޯއި ހޮޖްސަން ނަގާ ސްކޮޑަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. ޒުވާން ކުޅުންތެރިންނަށް ހޮޖްސަން އިސްކަން ދޭނެ ކަމަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ. އިނގިރޭސި ޓީމްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެޓީމުން ޖާގަ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެޓީމުގެ ސީނިއާ ކުޅުންތެރިއެއް ކަމަށްވާ ލަމްޕާޑް ބުނެފައި ވެއެވެ.

"ގައުމީ ޓީމާއެކު ކުޅެން ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނެ. އަހަރެން މަސައްކަތްކުރަމުން މިދަނީ އިނގިރޭސި ގައުމީ ސްކޮޑުން ޖާގައެއް ހޯދަން. ވޯލްޑް ކަޕަށް ނަގާ ސްކޮޑުން ޖާގައެއް ހޯދަން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މިހާރުވެސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް އިނގިރޭސި ޓީމްގައި އެބަތިބި. އިނގިރޭސި ޓީމަށް ބޮޑު ކާމިޔާބެއް ހޯދައިދޭން އަހަރެން ބޭނުން." ލަމްޕާޑް ބުންޏެވެ.

އުމުރުން 35 އަހަރުގެ ލަމްޕާޑް ވަނީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގައި ވެސް އިނގިރޭސި ޓީމަށް ކުޅެފަ އެވެ. ލަމްޕާޑް ވަނީ އިނގިރޭސި ޓީމަށް ސަތޭކައަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި އެޓީމަށް މުހިންމު ލަނޑުތަކެއް ވެސް އޭނާ ކާމިޔާބުކޮށްދީފައި ވެއެވެ.