އާސެނަލް އާއި ގުޅުނީ އެކްލަބަށް ޕްރެމިއާ ލީގު ހޯދައިދިނުމަށް އެހީތެރިވެދޭން ކަމަށް މިސީޒަނުގައި ރެއާލް މެޑްރިޑުން އާސެނަލް އާއި ގުޅުނު ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް ބުނެފި އެވެ.

މި ސީޒަނުގެ ޕްރެމިއާ ލީގުގައި އާސެނަލް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގު ދެބައިވެފައިވާއިރު، މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ އާސެނަލް އެވެ. އާސެނަލް ގައި ހުރީ އުފަލާއެކު ކަމަށް ވެސް އޮޒިލް ބުނެފައި ވެއެވެ.

"އާސެނަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު. ހުރިހާ ކުޅުންތެރިންގެ އަޒުމަކީ މިސީޒަންގައި ތައްޓެއް ހޯދުން. އާސެނަލް އަށް ޕްރެމިއާ ލީގު އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރެވިދާނެ. އަހަރެން މިކްލަބާއި ގުޅުނީ ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނުމަށް." އޮޒިލް ބުންޏެވެ.

އާސެނަލް އަށް 2004 ވަނަ އަހަރުގެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެކަމާއި މެދު ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، މިސީޒަންގައި އެޓީމުން ދައްކާ ކުޅުމަށް ތައުރީފްކުރާ ބަޔަކު ވެސް އުޅެއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 45 ޕޮއިންޓާއެކު އެވެ. 44 ޕޮއިންޓާއެކު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައި އޮތީ 43 ޕޮއިންޓެވެ.