މި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އެޑްވައިޒަރުކަން ދެއްވި ދެ ބޭފުޅުންނާ އެކު އެޑްވައިޒަރުންނާއި އެފަދަ ފެންވަރުތަކުގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އަދަދު 13 އަށް އަރައިފި އެވެ.


ސަން އޮންލައިނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރި ލިއުމެއްގައިވާ ގޮތުން، ސުޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ނޫނީ ރައީސްގެ ހާއްސަ މަންދޫބު ހ. ހުޅުގެލި އިބްރާހީމް ހުސައިން ޒަކީ ރޭންކުކޮށްފައި ވަނީ ސީނިއާ މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގަ އެވެ.


ލިސްޓްގެ ދެވަނާގައި އުޅުއްވާ، އަދި ދާދިފަހުން ހޯމް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު މ. ބަގީޗާ މުހައްމަދު ޝިހާބު އައްޔަން ކުރައްވާފައި ވަނީ ވެސް ސީނިއާ މިނިސްޓަރުގެ ދަރަޖައިގަ އެވެ.


އެންވޯއީ ފޯ ދަ ސައުތު އޭޝިޔާ، އަދި ކުރީގެ ބަންޑާރަ ނައިބު ސ. ހިތަދޫ، ގޯރަންވިލާ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގަ އެވެ.


ލިސްޓްގެ ހަތަރު ވަނާގައި އުޅުއްވާ، ރައީސުލްޖުމްހޫރިއްޔާގެ އެކޮނަމިކް އެޑްވައިޒަރު އަލީ ޝިޔާމު ހިމެނިވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.


ރައީސުލްޖުމްހޫރިއްޔާ އަށް އެޑްވައިޒު ކުރައްވާ ބޭފުޅުންގެ ހައިރާކީން ފަސް ވަނަ ހޯއްދަވަނީ ބިދޭސީ އެކެވެ. ރައީސްގެ އެނާޖީ އެޑްވައިޒަރު، ޕޯލް މައިކަލް މެސަން ދަރަޖަ ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.


ނޭޝަނަލް ސިކިޔުރިޓީ އެޑުވައިޒަރުގެ މަގާމަށް ދެ ބޭޅަކު އައްޔަން ކުރައްވާފައިވެ އެވެ. އެއީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސަސް މުހައްމަދު ޒާހިރު [ޓޫޓޫ] އާއި ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު، އަމީން ފައިސަލެވެ. ޓޫޓޫ ރޭންކްކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ  އެވެ. ނަމަވެސް އަމީން ފައިސަލް ރޭންކެއް ނޭނގެ އެވެ.


 އެންވޯއީ ފޯ ސައިންސް އެންޑް ޓެކޮނޮލަޖީގެ މަގާމަށް އައްޔަން ކުރައްވާފައިވާ، މ. މާފުށީގޭ އަހުމަދު ޝަފީގު[ކުޑަ ސައްޕޭ] އަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެކެވެ.


ޕޮލިޓިކަލް އެފެއާޒުން ޝިހާބު ރައީސަށް މަޝްވަރާ އަރުވާ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިރު، ސޯޝަލް ލިބަރަލް ޕާޓީގެ ރައީސް އަދި ކުރިން އެމްޑީޕީގެ ރައީސްކަން ކުރެއްވި، މއ. ބޯގަންވިލާ އިބްރާހީމް އިސްމާއީލަށް ލިސްޓުން ލިބިފައި ވަނީ ހަ ވަނަ އެވެ. އޭނާ ވެސް ދަރަޖަ ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.


ޕްރެޒިޑެންޓުންސް، ރެޕްރެޒެޑެންޓެޓިވް، ފޯ މޯލްޑިވިއަން އެކޯ ލެބްގެ މަގާމު ދެއްވާފައިވާ ހ. ދިވެހިގޭ މުހައްމަދު ޝަރީފުގެ ދަރަޖައަކީ ވެސް ސްޓޭޓް މިނިސްޓަރެއްގެ ދަރަޖަ އެވެ.


ހ. ހުވަދޫ މުހައްމަދު ލަތީފު[ގޯގޯ ލަތީފު] ލަތީފަށް ދެއްވާފައި ވަނީ ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަގާމެވެ. އޭނާގެ ދަރަޖައަކީ ވެސް ސްޓޭޓް މިނިސްޓަރެއްގެ ދަރަޖަ އެވެ. އެޑްވައިޒަރުންގެ ލިސްޓުން އެންމެ ފަހަތުން ޖާގަ ހޯއްދަވަނީ ބޭރު ދެ ބޭފުޅުންނެވެ. އެއީ އެޑްވައިޒާ އޮން ކްލައިމެޓް ޗޭންޖުގެ މަގާމަށް، ޑިޕިއުޓީ މިނިސްޓަރު ފެންވަރުގައި ލައްވާފައިވާ މާކް ޓީ ލަޔަންސް އާއި ކޮންސަލްޓަންޓް އޮން މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ މަގާމަށް، ލައްވާފައިވާ ޕޯލް ރިޗާޑް ރޮބާޓްސް އެވެ. ރޮބާޓްސްގެ ރޭންކެއް ކަނޑައަޅުއްވާފައެއް ނުވެ އެވެ.