08 Jan 2014, 10:57
ނިއު އިން ރިލީސް ކުރި ޒުވާން މިޑްފީލްޑާ މޫސާ ޔާމީން މާޒިޔާ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
ސަން އާ ވާހަކަ ދައްކަމުން ޔާމީން ބުނީ މާޒިޔާ އާއި ގުޅުނީ ފުޓްބޯޅަ ކެރިއަރުގައި އިތުރަށް ކުރިޔަށް ދާން ބޭނުންވާތީ ކަމަށާއި އެ ފުރުސަތު މާޒިޔާ އިން ލިބޭނެ ކަމުގެ ބޮޑު އުންމީދުގައި ކަމަށެވެ. އަދި ފުރަތަމަ 11 އިން ޖާގަ ލިބިގެން ކުޅެވިއްޖެ ނަމަ އެއީ ކެރިއަރުގައި އިތުރަށް ކުރިޔަށް ދިއުމަށް ކޮށިގެންދާނެ އަލި މަގެއް ކަމަށް ޔާމީން ބުންޏެވެ.
"އަހަރެން މާޒިއާ އަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން. ފުޓްބޯޅަ ކެރިއަރުގައި އަދި ވެސް ކުރިއަރަން ބޭނުންވޭ. އެކަން ވާން އޮތީ ކުޅުމަށް އިތުރު ފުރުސަތުތަކެއް ލިބިގެން. މާޒިޔާގެ ފުރަތަމަ 11 އިން ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ. އެހެން ވެއްޖެ ނަމަ އެއީ މިކަމަށް ކޮށިގެންދާނެ އަލިމަގެއް،" ޔާމީން ބުންޏެވެ.
ޔާމީން ބުނީ ނިމިދިޔަ ފުޓްބޯޅަ ސީޒަނުގައި ޗެމްޕިއަން ނިއުއަށް އުޅުނު ދުވަސްވަރަކީ ވެސް ކެރިއަރުގައި ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިގެން ދިޔަ ދުވަސްވަރެއް ކަމަށާއި އެކުލަބް ދޫކޮށް މާޒިޔާއާ ގުޅުނީ އެއްވެސް ހިތްހަމަނުޖެހުމެއް ނިއުގެ މެނޭޖްމަންޓުގައި އޮވެގެން ނޫން ކަމަށެވެ.
ޔާމީން އަކީ މިދިޔަ އަހަރު އެފްއޭއެމް އިން ބޭއްވި ޔޫތުޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ނިއުގެ ކެޕްޓަންކަން ވެސްކޮށް، ގައުމީ ސްކޮޑުން ޖާގަހޯދާފައިވާ ޒުވާން ހުނަރުވެރި ކުޅުންތެރިއެކެވެ.