08 Jan 2014, 10:19
މުލަކުތޮޅު ދިއްގަރުގައި މަސައްކަތްކުރާ ފުލުހުންނާއި ދިއްގަރު ޒުވާނުން ގުޅިގެން ދިއްގަރުގެ އިތުރުން މަޑުއްވަރި އާއި ރަތްމަންދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ވޮލީ ލީގެއް ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ދިއްގަރުގައި ފެށި މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީގެ ފޯރި އިތުރުކުރުމާއި އަތޮޅު ފެންވަރުގެ ކުޅުންތެރިން އުފެއްދުމުގެ އިތުރުން ފުލުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މުބާރާތުގައި ދިއްގަރުން ތިން ޓީމާއި މަޑުއްވަރިން ދެ ޓީމް ބައިވެރިވެފައިވެ އެވެ.
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއީލް ޝަރަފްވެރިކޮށްދެއްވި މުބާރާތުގެ ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ވާދަކޮށްފައި ވަނީ ޑީޗީޖޭ ޓީމާއި ގަދަބާރު ޓީމެވެ. އެ މެޗުގެ ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގަދަބާރު ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.