އަޔާޑާ މޯލްޑިވްސް ރިސޯޓްގައި ރޭގެވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ސަން އާ ވާހަކަ ދައްކަމުން އެ ރިސޯޓުގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ބޭފުޅަކު ވިދާޅުވީ އަލިފާންރޯވީ ބަދިގޭގައި ކަމަށެވެ. އަދި އަލިފާން ރޯވުމުން ތަނަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ސީލިންގުގެ ވަރަށް ކުޑަ ތަންކޮޅެއް އަނދާފައިވާ ކަމަށެވެ. އަލިފާން ރޯވެ ކުޑަ އިރުކޮޅެއްތެރޭގައި އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާންރޯވި ވަކި ސަބަބެއް ދަންނަވަން ނޭނގޭ ކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ އާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.