08 Jan 2014, 10:04
ވޮޝިންޓަން (ޖަނަވަރީ 8): ޢިރާގުގެ ހުޅަނގުގެ ބައެއް ސަރަހައްދުތައް ހިފައި އެ ސަރަހައްދުތަކުގައި ފައިހަރުކުރަމުން ގެންދާ އަލްގާއިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ބޭނުންކުރުމަށް ޓަކައި ޢިރާގު ސިފައިންނަށް އަވަސްގޮތެއްގައި ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެކަން އެމެރިކާ ހާމަކޮށްފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ ޢިރާގުގެ ހުޅަނގުގެ ބައެއް ސަރަހައްދުތައް އަލްގާއިދާގެ ކޮންޓްރޯލްގެ ދަށަށްދާ މައްސަލައަކީ އެމެރިކާ އަށް ބޮޑުމައްސަލައެއް ކަމަށާއި އެ ސަރަހައްދުތަކުން އަލްގާއިދާގެ ހަނގުރާމަވެރިން ބޭރުކުރުމަށް ބޭނުންވާ ޒަމާނީ ހަތިޔާރު އަވަސްގޮތެއްގައި އިރާގަށް ފޯރުކޮށްދިނުމުގެ ކަންތއް ކުރިޔަށްދާ ކަމުގަ އެވެ.
ރިޕޯޓްތައްބުނާ ގޮތުން ޢިރާޤުގައި ހަރަކާތްތެރިވާ އަލްގާއިދާގެ ގޮތްޕެއް ކަމަށް ސިފަކުރެވޭ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް"ގެ ހަނގުރާމަވެރިން މިދިޔަ ހޮނިހިރު ދުވަހުންފެށިގެން އެގައުމުގެ ހުޅަނގުގެ ދެރަށް ކަމަށްވާ ފަލޫޖާ އާއި ރަމާދީން ޢިރާގު ސިފައިން ބޭރުކޮށް އެ ދެ ރަށް ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ޢިރާގު ސަރުކާރުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އަދި އަލްގާއިދާ އަށް ނިސްބަތްވާ ޢިރާޤުގެ ހަނގުރާމަވެރިން އެގައުމުގެ ހުޅަނގުގެ އަލްއަންބާރު ގަވަނޭޓުގެ ބޮޑުބައެއް ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްގެން ގޮސް އިރާގު ސިފައިން ފަހަތަށް ޖައްސާފައިވާ ކަމަށް ވެ އެވެ.
ޢިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ވަނީ "ޓެރަރިސްޓުން" އެސަރަހައްދުތަކުން ބޭރުކުރުމުގައި އިރާޤު ސިފައިންނަށް އެހީތެރިވެދިނުމަށް އެސަރަހައްދުތަކުގެ ގަބީލާތަކުގެ ވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. މިކަމަށް އިޖާބަދިނުމަށް ގަބީލާތަކުގެ ވެރިން ފުރްސަތު ދިނުމަށް ޓަކައި އެ ސަރަހައްދުތަކުގައި ޢަސްކަރީ އޮޕަރޭޝަންތައް ހިންގުން އަދި ލަސްކޮށްލާފައިވާ ކަމަށް ވެސް މާލިކީ ވަނީ ވިދާޅުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޢިރާގުގެ ހުޅަނގުގެ ސަރަހައްދުތަކުން އަލްގާއިދާގެ ހަނގުރާމަވެރިން ބޭރުކުރުމުގެ އޮޕަރޭޝަންތައް ހިންގުން އިރާގު ސަރުކާރުން މަޑުޖައްސާލާފައި ވަނީ އެކަމަށް ބޭނުންވާ ޒަމާނީ ހަތިޔާރު އެމެރިކާއިން ލިބެންދެނެވެ. އަލްގާއިދާއާ ދެކޮޅަށް ބޭނުންކުރުމަށް ޓަކައި ޢިރާގު ސިފައިންނަށް އަވަސް ގޮތެއްގައި އެމެރިކާ އިރާގަށް ފޯރުކޮށްދޭ ހަތިޔާރުގެ ތެރޭގައި ޖާސޫސުކުރުމަށް ބޭނުންކުރާ ޑްރޯން މަތިންދާބޯޓުތަކާއި "ހެއިލް ފަޔާ" މަރުކާގެ ރޮކެޓާއި ޢަސްކަރީ ހެލިކޮޕްޓަރު ފަދަ ބަރުހަތިޔާރު ހިމެނޭނެކަން ވައިޓްހައުސް އިން ކަށަވަރުކޮށްދޭއިރު މިއީ އެމެރިކާ އިން ގަތުމަށް ކުރިން އިރާގުން ފައިސާ ދައްކާފައިވާ ހަތިޔާރުގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޢިރާގުގެ ހުޅަނގުގެ ބައެއް ސަރަހައްދުތައް އަލްގާއިދާގެ ކޮންޓްރޯލްގެ ދަށަށްގޮސްފައިވާ މައްސަލާގައި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެންއާއި ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޓޯނީ ބްލެންކެން ވަނީ ޢިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ އާއި ޢިރާގުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާއާ ފޯނުންގުޅުއްވައި އަލްގާއިދާއާ ދެކޮޅަށް އިރާގު ސިފައިން ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި އެކަމަށް ހިތްވަރު ދެއްވާފަ އެވެ. ޢިރާގުގެ ހުޅަނގުގެ ބައެއް ސަރަހައްދުތައް އަލްގާއިދާގެ ކޮންޓްރޯލްގެ ދަށަށްގޮސްފައިވާ މައްސަލާގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ ސަރުކާރުތަކުން ވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ޢިރާގުގެ މިހާރުގެ ސަރުކާރަކީ އެގައުމުގެ ސުންނީންނާމެދު ތަފާތުކުރުންތައް ގެންގުޅޭ ހަރުކަށި ސަރުކާރެއް ކަމަށް ވަނީތުހުމަތުކުރެވިފައެވެ. ނަމަވެސް ސުންނީ ލީޑަރުން ވަނީ އަލްގާއިދާ ހަނގުރާމަވެރިންނަކީ ޢިރާޤުގެ ދާޚިލީ މައްސަލައާއި ޝިޔަޢީންނާއި ސުންނީންގެ މައްސަލަތަކަށް އޮތް ހައްލު ނޫންކަމާއި އަލްގާއިދާއާއި އިރާޤުގެ ސުންނީންނާ ގުޅުންނުވާކަން ހާމަކުރައްވާފަ އެވެ. ޢިރާޤުގެ ސުންނީންގެ މުފްތީ އައްޝައިޚް ރާފިޢުއްރިފާޢީ ވަނީ ޢަލްގާއިދާއާ ނުލައި އިރާޤުގެ ސުންނީން ސުލްޙަވެރިގޮތުގައި ޢިރާޤު ސިފައިންނާ ކުރިމަތިލުމަށް ސުންނީންނަށް ގޮވާލައްވާފަ އެވެ. (އަލްޖަޒީރާ)