ތެހެރާން (ޖަނަވަރީ 8): އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ މެންބަރުންގެ ވަފްދެއް އީރާނަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވައިފި އެވެ.

އީރާނުގެ ރަސްމީ ޓީވީ ބުނާގޮތުން އިނގިރޭސި ޕާލަމެންޓް މެންބަރުންގެ ވަފްދުގެ ވެރިއަކީ އިނގިރޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ ޖެކް ސްޓްރޯ އެވެ. ސްޓްރޯއަކީ އިދިކޮޅު ލޭބަރޕާޓީ އަށް ނިސްބަތްވާ ހައުސް އޮފް ކޮމަންސްގެ މެންބަރުންގެ މެންބަރެކެވެ. އިނގިރޭސިވި ޕާލަމެންޓްގެ ވަފްދުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުންތައް އިތުރަށް ރަނގަނޅު ކުރުން ކަމަށް ޖެކްސްޓޯ ވަނީ ވިދާޅުވެފަ އެވެ.

ތެހެރާންގައި ދެއްވި ބަޔާނެއްގައި ޖެކްސްޓްރޯ ވަނީ އީރާން ބޭރު ދުނިޔެ އަށް އިތުރަށް ހުޅުވާލުމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ ކުރައްވާ މަސައްކަތްތަކަށް ތާރީފު ކުރައްވާފަ އެވެ. އީރާނާއި އިނގިރޭސިވިލާތުގެ ގުޅުންތައް 2011 ވަނަ އަހަރު ކެނޑިގެން ދިޔައީ އިނގިރޭސިވިލާތުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ތަކުރާރުކޮށް އަޅަމުން ދިޔުމާގުޅިގެން އީރާނުގެ ޒުވާނުންތަކެއް ތެހެރާންގައި ކުރި މުޒާހަރާތަކެއްގައި ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީ އަށް ވަދެގަނެ އެތަނަށް ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ދެގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކޮށްފަ އެވެ. އަދި އީރާނާއި އިނގިރޭސިވިލާތުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކޮންމެ ގައުމަކުން ވެސް އަނެއްގައުމުގައި އެންބަސީ އަލުން ހުޅުވައި ޝާޒްޑިއެފެއާ ފެންވަރުގެ ޑިޕްލޮމޭޓަކު ޢަންޔަންކޮށްފަ އެވެ. އީރާނާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުންތައް އަލުން ރަނގަނޅުކޮށް ނިއުކްލިޔާ މައްސަލާގައި އެމެރިކާ އާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް މަސައްކަތްކުރެއްވުމަށް އީރާނުގެ މިހާރުގެ ރައީސް ޑރ. ހަސަން ރޫޙާނީ، ރިޔާސީ ކޭންޕޭންގައި ވަޢްދުވެވަޑައިގެންފައިވާ ގޮތަށް ރޫހާނީގެ ވެރިކަމުގައި އީރާން ވަނީ ހުޅަނގާ ގާތްވާން ފަށާފަ އެވެ.

ރޫޙާނީގެ މިސިޔާސަތުތަކާ އެކު ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ވަނީ ނިއުކްލިޔާ މައްސަލާގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުން ބިނާވެގެންވަނީ ނިއުކްލިޔާ މައްސަލާގައި ބައެއް ދޫތައް އީރާނުން ދިނުމުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން ބައެއް ލުއިތައް އީރާނަށް ދިނުމުގެ މައްޗަށެވެ. (އަލްޖަޒީރާ)