08 Jan 2014, 09:42
ލަންޑަން (ޖަނަވަރީ 8): އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދެއްގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި ހަތަރު މީހުން މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ނޯފޯކް ސަރަހައްދުގެ ފުލުހުން ބުނީ އެސަރަހައްދުގެ ކްލޭ ސްޓްރިޕަށް އެމެރިކާ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިފައިވާކަން ރިޕޯޓްކޮށްފައިވާ ކަމަށާ އެކަން ބެލުމުން އެ ހާދިސާގައި ހަތަރު މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމުގަ އެވެ. ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ވެއްޓިފައިވާ އެމެރިކާ ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރަކީ "އެޗްއެޗް-60 ބައިވްހޮކް" މަރުކާގެ ހެލިކޮޕްޓަރެކެވެ. އިނގިރޭސިވިލާތުގެ "ރަފް ލަކެންހީތް" ސަރަހައްދަކީ އެމެރިކާގެ ވައިގެ ސިފައިންގެ ޢަސްކަރީ ބޭހެއް އޮންނަ ސަރަހައްދެކެވެ.
ވެއްޓުނު ހެލިކޮޕްޓަރަކީ އެ ބޭހުން ނައްޓާލައިގެން ރޫޓިން ދަތުރެއްގައި ހަރަކާތްތެރިވަމުން ދިޔަ ހެލިކޮޕްޓަރެއްކަމަށް އެ ބޭހުގެ ތަރްޖަމާނަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެމެރިކާ ސިފައިންވަނީ މިހާދިސާ ތަހްގީގްކުރާނެކަން ހާމަކޮށްފަ އެވެ. މިދުވަސްވަރަކީ އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ގަދަވައިޖެހި ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. (ރޮއިޓާސް)