08 Jan 2014, 09:34
ފަސް އަހަރު ފަހުން ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވި ޑރ. ފަޒީލް ނަޖީބަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމިންގެ އަޙެކެވެ. ދެ ބޭފުޅުން އެކީގައި މަސައްކަތްޕުޅު ކުރެއްވި އެވެ. އެކުވެރި ބަދަހި ގުޅުންތަކެއް ދެ ބޭފުޅުން އޮވެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ "މުގުލަށް" ފަޒީލް ވަޑައިގަތުމުގެ މެދުވެރިއަކަށް ވެސްވީ މިހާރުގެ ރައީސް ޔާމީނެވެ. އެ ވާހަކަތަކާ އެކު ފަޒީލްގެ ހަޔާތުން ސަފްހާއެއް ސަންގެ ޒުވާން ނޫސްވެރިޔާ އަހުމަދު ސާއިލް ލިޔެ އެވެ.
***
ޏ. ފުވައްމުލަކުގެ، ފުނާޑު އަވަށަށް އުފަން ފަޒީލްއަކީ ރަށުގެ "ހެޔޮވަރު" އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ފަޒީލްގެ ބައްޕައަކީ ފުނާޑު އަވަށު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ހޭލުންތެރި ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން ފަޒީލްގެ ބައްޕަ ވެފައި ވަނީ ތައުލީމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ފަޒީލްގެ ތައުލީމީ ހަޔާތް ފުރަތަމަ ފައްޓަވާފައި ވަނީ ވަރަށް އާދައިގެ ރަށު މަދަރުސާއަކުންނެވެ. އެއީ "މަދުރަސަތުލް އިނާޔާ" ކިޔާ މަދުރަސާއެކެވެ. އެ މަދަރުސާގައި އުނގެނެން އޮންނަނީ އެއް ވަނަ ކްލާސް އާއި ދެވަނަ ކްލާސް އަދި ތިން ވަނަ ކްލާސް ފުރިހަމަކުރާ ގޮތަށެވެ. ފަޒީލް އެ މަދަރުސާގައި މާ ގިނަ ދުވަހު ކިޔަވަން ބެހެއްޓުމުގެ ބަދަލުގައި ބައްޕަ ނިންމެވީ ކިޔެވުމަށް މާލެ ގެނައުމަށެވެ. އެގޮތުން 1975 ވަނަ އަހަރު ފަޒީލް އާއި އޭނާގެ ބޭބެ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު އަބުދުﷲ މަސީހު މުހައްމަދު އާއި ދެބެން ކިޔައިވައި ދިނުމަށް މާލެ ގެނަ އެވެ. މާލެ ގެނެސް ބެހެއްޓީ މާލޭ މީހަކާއި އިނދެގެން އުޅޭ ދައްތައެއްގެ ގާތުއެވެ.
ފަޒީލް މާލެއިން ތައުލީމް ހާސިލް ކޮށްފައި ވަނީ، އީޕީއެސްއެސް އިންނެވެ. ގުރޭޑް އެކަކުން ފެށިގެން އޯލެވެލް އާއި ހަމައަށް ވެސް ފަޒީލް ތައުލީމް ހާސިލްކުރެއްވީ އެ ސްކޫލުންނެވެ. އެ ސްކޫލުގައި އުޅުނުއިރު ފަޒީލް އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އުމުރުން ކުޑަ ކުދިން ތަކަކާއި އެކު ކިޔަވަން ޖެހުމެވެ. އެއް އުމުރުފުރައެއްގެ ކުދިންތަކާ އެކު ކިޔަވަން ފުރުސަތު ލިބުނީ ތިން "ޑަބަލް ޕުރޮމޯޝަން"އާ އެކު ގްރޭޑް ހަތަކާ ހިސާބުންނެވެ. އޭރު ވެސް ފަޒީލް އަކީ ކިޔެވުމަށާއި ކަންކަން ދިރާސާ ކުރުމަށް ޝައުގުވެރިވާ ކުއްޖެކެވެ.
"އަޅުގަނޑުގެ ކަމަކީ އިނގިރޭސި ފޮތް ކިޔުން އޭރު، އަބަދު އަބަދު އެކަން އޮންނާނީ، ލައިބްރަރީ ފޮތެއް ނަގައިގެން ކިޔާފައި އަނެއްކާކިޔާފައި، މުޅިންހެން އެކަން އޮންނާނީ،" ސްކޫލު ދައުރުގެ ކިޔައިދެއްވަމުން ފަޒީލް ވިދާޅުވި އެވެ.
ސްކޫލުގައި އުޅުނުއިރު މާ ހަރަކާތްތެރި ނުވި ނަމަވެސް ފަޒީލް ވަނީ ސްކޫލު ކްލަބުތަކުގެ ބައެއް އިސް މަގާމްތައް ފުރުއްވާފަ އެވެ. އެގޮތުން ސްކޫލުގެ އަދަބީ ޖަމިއްޔާގެ އިނގިރޭސި ބުރާޗްގެ ސެކެޓްރީ މަގާމް ފުރުއްވުމުގެ އިތުރުން ސްކޫލު ދައުރުގައި ވެސް ބައެއް ލީފްލެޓްތަކަށް ލިޔެ ނެރެހަދަ އެވެ. ތޫނުފިލި ފަޒީލް ވަނީ ސްކޫލު ދައުރުގައި ރަން ވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އެތައް ފަހަރެއްގައި ކްލާހުން އެއް ވަނަ ހޯދާފައިވާ އިރު ގްރޭޑް ވަނަތައް ވެސް ހޯދާފައިވެ އެވެ. ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާތައް ވެސް ވެފައި އޮންނަނީ ފަޒީލް އެތައް ފަހަރެއްގެ މަތިން ސްޓޭޖަށް އަރައި ވަނަތައް ހޯދާ ހަފްލާތަކަކަށެވެ. އޯލެވެލް ނިންމާލީ ވެސް އެގޮތުގަ އެވެ.
"އޭރު މިއޮންނަ ގޮތަކީ އޯލެވެލް އަށް ދިޔައިމަ ދެން އެކިޔެވުނީ ވަރަށް މޮޅަށް، ދެން އަމިއްލައަށް ކުރިއަށް ދާންވީ،" ފަޒީލްގެ ސްކޫލްގެ ހަޔާތް ނިންމާލެއްވި ވާހަކަ ކިޔައިދެއްވަމުން ވިދާޅުވި އެވެ.
ކަންކަންކަން ދިމާވި ގޮތުން އޭލެވަލް ކިޔަވުމަށް ފަޒީލް ގަސްތެއް ނުކުރެއްވި އެވެ. ވަޒީފާއަކަށް ދިއުމުގެ ގޮތުން ދިވެހި ރާއްޖޭގެ އަޑުގެ އިދާރީ މަސައްކަތަށް ނުކުންނެވި އެވެ. މާގިނަ ދުވަސްތަކެއް ނުކޮށް ފަޒީލް ގަސްތުކުރެއްވީ ރިސޯޓެއްގެ ވަޒީފާ އަދާކުރުމަށެވެ. އެގޮތުން 1983 ވަނަ އަހަރު ބޮލިފުށި ރިސޯޓްގެ ރިސެޕްޝަނިސްޓުގެ މަގާމަށް ދިޔައެވެ. ކަންދިމާކުރިގޮތުން އެ ރިސޯޓްގައި މާ ގިނަ ދުވަހު ކެތްކުރެވޭ ގޮތެއް ފަޒީލް އަކަށް ނުވި އެވެ. ރައްޓެއްސަކާ ގުޅިގެން ފުރަނަފުށި ރިސޯޓުގެ އެކައުންޓް ބައިގެ ވަޒީފާއެއް ހޯދައިގެން އެ ރިސޯޓަށް ވަޒީފާ އަށް ދިޔަ އެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ފަޒީލް ވަނީ އެ ރިސޯޓްގެ އެކައުންޓު ބައިގައާއި ރިސެޕްޝަންގައި މަސައްކަތް ކުރައްވާފަ އެވެ.
"އޭރު ރިސެޕްޝަން ގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް ކެއުމާއި އެހެނިހެން ކަންކަން ވެސް ވަރަށް ރަނގަޅުވާނެ، އެގޮތުން އެ ވަޒީފާގައި އުޅުނުއިރު އިޓަލީ ބަސް އަދި ޖަރުމަނު ބަސް ވެސް ދަސްވި،" ފަޒީލްގެ ރިސޯޓު ހަޔާތް ކިޔައިދެމުން ވިދާޅުވި އެވެ.
ރިސޯޓްގައި ވަޒީފާ އަދާކުރި އިރު އެރިސޯޓްގައި އުޅުނު އޮސްޓްރޭލިޔާ ރައްޔިތަކު ވަނީ ފަޒީލަށް އައިޓީ ދާއިރާ އިން ކިޔަވަން ފުރުސަތު ދީފަ އެވެ. ނަމަވެސް އޭރަކީ ކޮމްޕިއުޓަރު ގެންގުޅޭ ޒަމާނެއް ނޫން ކަމުން އެ ދާއިރާއިން ކިޔެވުމުގެ ވިސްނުން ފަޒީލް ދޫކޮށްލެއްވި އެވެ. ރިސޯޓުގެ ވަޒީފާގައި އުޅުއްވި އިރު ވެސް ފަޒީލް ދާން ބޭނުންވާ އެހެން ވަޒީފާއެއް އޮވެ އެވެ. އެއީ ރާއްޖެ އިން ބޭރަށް ދަތުރުކުރަން ދިއުމެވެ. ނަމަވެސް އާއިލާ މެމްބަރުން ނުގަބޫލު ވުމުން އެ ހިޔާލު ދޫކޮށްލެއްވީ އެވެ.
ފަޒީލް އިގްތިސާދީ ދާއިރާއަށް ނުކުތުމުގެ މަގު ފެނުނު އަހަރަކީ 1987 ވަނަ އަހަރެވެ. އޭނާ އަށް އެ މަގު ދައްކައި ދާނެ ގޮތް ބުނެދެއްވީ ފަޒީލްގެ އެއްބަންޑު އެއްބަފާ ބޭބެ، މިހާރު ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ އެންމެ އިސްވެރިޔާގެ މަގާމްގައި ހުންނެވި ޢަބްދުއްލަޠީފް މުޙަންމަދު އެވެ. އަބްދުއްލަތީފް ފަޒީލަށް ދެއްކެވި މަގަކީ ޓްރޭޑް މިނިސްޓްރީ އަށް ވަނުމަށް ފަހު އިގްތިސާދީ ދާއިރާ އިން ކުރިއަށް ދިއުމެވެ.
"ބޭބެ އަޅުގަނޑަށް ގައިޑް ކޮށްދެއްވީ، ބޭބެ ވިދާޅުވީ ވިޔަފާރި ދާއިރާ އިން ނޫންތޯއޭ ކުރިއަށްދާނީ، އިގްތިސާދީ ދާއިރާއަކަށޭ ސަރުކާރުގެ،" ފަޒީލް ވިދާޅުވި އެވެ.
ޓްރޭޑް މިނިސްޓްރީގައި 740ރ.ގެ މުސާރައަކަށް އުޅުއްވި އިރު ފަޒީލް ގެންދެވީ ޒިންމާދާރު އެތައް ވަޒީފާއެއް އަދާކުރައްވަމުންނެވެ. އެގޮތުން ހެނދުނު 7:30 އިން 2:30 އަށް އޮފީސް ނިންމަވާލެއްވުމަށް ފަހު 3:00 ގައި އަހުމަދިއްޔާ ސްކޫލަށް ކިޔަވައިދިނުމަށް ވަޑައިގެންނެވި އެވެ. އެއަށް ފަހު ކޮންމެ ދުވަހަކު 5:30 އިން 10:00އަށް މަޖީދުގެއަށް ޓިއުޝަން ދެއްވަން ދުރުވެ އެވެ. އަވަދިނެތި އުޅެނިކޮށް ފަޒީލަށް އެހެން ވަޒީފާއެއް ވެސް ލިބިގެންދިޔަ އެވެ. އެއީ ޅަ ދުވަހުން ފެށިގެން ލިޔުންތެރި ކަމަށް ހުންނަ ޝައުގުވެރިކަން ދައްކާލުމަށް ލިބުނު ފުރުސަތެކެވެ. ނޫސްވެރިޔަކަށްވުމަށް އާފަތިސް ނޫހުން ފުރުސަތު ލިބުނެވެ. އޭގެ ފަހުން ކޮންމެ ރެއަކު 10:45 އަށް ފަހު އޮންނަނީ ފަޒީލް ނޫސްވެރިކަމުގައި ވަގުތު ހޭދަކުރާ ދުވަސްތަކަށެވެ.
"އޭރުވެސް މިހާރު ވެސް ބީބީސީ އިން 10:45ގައި އަންނާނެ ސްޕޯޓްސް ޝޯއެއް، އޭގައި އޮންނާނީ ހުސް ސްޕޯޓުސް ވާހަކަތައް، ދެން އެ ޝޯ އަޑުއަހައިގެން ހަބަރުތައް ހަދަނީ އަޅުގަނޑުމެން. ދެން އޭރު ވަރަށް ހާލުގަ އުޅެންޖެހޭނީ، ބައެއް ދުވަސްދުވަހު ވަރަށް ނުސާފްކޮށް ރޭޑިއޯ އިން އަޑުއިވޭނީ ވެސް،" ނޫސްވެރިކަމުގެ ދުވަސްވަރު ކިޔައިދެއްވަމުން ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވިއިރު ފަޒީލް ލިޔެފައި ވަނީ ކުޅިވަރު ހަބަރުތަކެވެ. އާފަތިސް ނޫހުގެ އިތުރުން ހަވީރު ނޫހަށް ވެސް ފަޒީލް ވަނީ ކުޅިވަރު ހަބަރުތައް ލިޔެފަ އެވެ. ރާއްޖޭގައި ނޫސްވެރިންނަށް ހިންގި ފުރަތަމަ ޕްރޮފެޝަނަލް ކޯސް ވެސް ފަޒީލް ވަނީ ފުރިހަމަކުރައްވައި ސެޓްފިކެޓް ހާސިލް ކުރައްވާފަ އެވެ.
މުޅި ދުވަސް ހިދުމަތުގައި އުޅުއްވި ފަޒީލް ފަހުން ނިންމެވީ އިތުރަށް އުނގެނޭށެވެ. ފަޒީލް ޓްރޭޑްގައި މަސައްކަތް ކުރެއްވި އިރު އިގްތިސާދީ ކަން ކަމަށް ހޭލެވެން ފެށި އެވެ. އަރިހުގައި މަސައްކަތް ކުރެއްވީ މިހާރުގެ ރައީސް އަބުދުﷲ ޔާމީން ފަދަ ބޭބޭފުޅުންނެވެ. އެއީ ވެސް ފަޒީލް އަށް އިގްތިސާދީ ދާއިރާ އިން ކުރިއަށް ދިއުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
ޓްރޭޑްގައި އުޅުއްވަމުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ފަޒީލް މަސައްކަތް ކުރެއްވި އެވެ. އެމަނިކުފާނު އެންމެ ކިޔަވަން ބޭނުންފުޅުވީ ގާނޫނީ ދާއިރާއިންނެވެ. ނަމަވެސް އެ ފުރުސަތު ނުލިބުމުން ދެން ހިޔާލު ކުރެއްވީ އިގްތުސާދީ ދާއިރާއިން ކިޔަވާ ވިދާޅުވުމަށެވެ. އެ ދާއިރާއިން ކިޔަވާ ވިދާޅުވުމަށް އެންމެ ބޮޑު އެހީއަކަށްވީ މަޖީދުގެއަށް ކިޔަވައިދެއްވުމަށް ދިޔައިރު އެތަނުގައި ވަޒީފާގައި އުޅޭ އެކުވެރިއެއް ކަމަށްވާ އިންތި (ކެޕްޓަން އިންތި) ދެއްވި އިކޮނޮމިކްސް ފޮތުން އުފެދުނު ޝައުގުވެރިކަމާ ވެސް އެކު އެވެ.
ބްރިޓިޝް ކައުންސިލްގެ ކޯހެއް ލިބުމާ އެކު މަތީ ތައުލީމް ހާސިލް ކުރުމަށް ފަޒީލް ވަނީ އިނގިރޭސިވިލާތަށް 1990 ވަނަ އަހަރު ވަޑައިގެންފަ އެވެ. އިނގިރޭސި ވިލާތުގެ ސަންޑަލެންޑް ޔުނިވާސިޓީ އިން އިގްތިސާދީ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވީ 1993 އަހަރު އެވެ. އެއަށް ފަހު 1998 ވަނަ އަހަރު އިންޓަނޭޝަނަލް ބިޒުނަސް ލޯއިން އެމަނިކުފާނު ވަނީ މާސްޓާސް ހައްދަވާފަ އެވެ. ޕީއެޗްޑީ ހައްދަވާފައި ވަނީ ލަންޑަން ޔުނިވާސިޓިއިން 2008 އަހަރު އެވެ. އެއީ ކޮމާޝަލް ލޯގެ ދާއިރާއިންނެވެ. އޭރު ވެސް ހުންނެވީ ޓްރޭޑް މިނިސްޓްރީގަ އެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި އިގްތިސާދު ހިނގަމުންދިޔަ ގޮތް ސިފަ ކުރައްވަމުން ފަޒީލް ވިދާޅުވީ އޭރު އިގްތިސާދު މެނޭޖް ވަމުން އައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އޭރު އިގްތިސާދު އޮންނަނީ އެހާ ބޮޑަށް ހުޅުވިފައެއް ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ. އިގްތިސާދަށް ހީނަރު ކަމެއް އަންނަން ފެށި ހިސާބަކީ ކޮބަތޯ ސުވާލުކުރުމުން ފަޒީލް ވިދާޅުވީ ސިޔާސީ ވާދަވެރިކަން އަންނަން ފެށުމާ ގުޅިގެން "ސަރުކާރުން ވަރަށް ގިނަ ހަރަދުތައް ކުރަން ވިސްނުމަށް އައުން، ލާރި އެ ވަރަށް ނުލިބުނު" ކަމަށެވެ. "ސިޔާސީ ވާދަވެރިކަން އޮތުން އެއީ މައްސަލައެއް ނޫން، ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކުރެވެން ނެތް ހަރަދުތައް ކުރުން މައްސަލައަކީ،" ފަޒީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދަނޑިވަޅުގައި ސުނާމީ ކާރިސާ ވެސް ދިމާވުމުން އިގްތިސޯދަށް އިތުރު ހީނަރު ކަމެއް ދިމާވި ކަމަށް ފަޒީލް ވިދާޅުވި އެވެ.
"ދެން މި ހެދީ ގާނޫނު އަސާސީއެއް، އެގާނޫނަށް މިގެނައީ ބޮޑު ސިންގާ ރައްޔިތުންގެ މަޖިލީހަކާއި، ބޮޑު ސިންގާ މިނިވަން މުއައްސަސާތަކަކާއި ބޮޑު ސިންގާ ނިޒާމްތަކެއް، އެ ހުރިހާ ނިޒާމެއް ގެނައިއިރު ބަލާފައެއް ނެތް ކުރަން މިއުޅެނީ ދެކޮޅު ނުޖެހޭ ހަރަދުތަކެއް ކަމެއް، މިއޮނިގަނޑު ގެނައުމުގައި އެއްވެސް ވަރަކަށް ބަލާފައެއް ނެތް،" ފަޒީލް ވިދާޅުވި އެވެ.
އެ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ މާލީ ދާއިރާއިން ފަޒީލް ސަފުހާއެއް ލިޔުއްވައިފި އެވެ. އިގްތިސާދީ ދާއިރާގައި ފާހަގަކޮށްލެވޭ ނަންތަކުގެ ތެރޭގައި އޭނާގެ ނަން ހިމެނިއްޖެ އެވެ. އެއީ 2008 ވަނަ އަހަރެވެ.
ފަޒީލް ގެންދެވީ ޕީއެޗްޑީ ނެންގެވުމަށް ތީސީސް ލިޔުއްވަމުންނެވެ. އެހެން ހުއްޓައި އެއް ދުވަހަކު ރައީސް އަބުދުﷲ ޔާމީން ގުޅުއްވި އެވެ. އެމަނިކުފާނު ދެއްވީ ހައިރާން ކުރުވަނިވި ފުރުސަތެކެވެ. އެއީ އެމްއެމްއޭގެ ގަވަރުނަރަކަށް ވުމުގެ ފުރުސަތެވެ.
"އަޅުގަނޑު ދެއްނެވިން ތިމަކަމަށް ޖެހޭނީ ވަރަށް ވިސްނަންށޭ، ފެމެލީ އާއި ވެސް ޑިސްކަސް ކުރަން ޖެހޭނޭ، ނަމަވެސް އެކޮޅުން ވިދާޅުވީ ޓައިމެއް ނެތޭ 15 މިނެޓޭ އޮތީ، ދެން އަޅުގަނޑު ދެންނެވިން ސުބުހާނަﷲ އޭ ތިކަމާއޭ މި އުޅެނީ. ކިޔާފައި ފެމިލީ އާއި ޑިސްކަސް ކުރިން، އެއަށް ފަހު އަޅުގަނޑު އާއެކޭ ދެއްނެވީ،" ގަވަރުނަރަކަށްވި ގޮތް ހިއްސާ ކުރަމުން ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުކަން ފަޒީލް އަށް ލިބިވަޑައިގަތީ 2008 ވަނަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ. އެމަނިކުފާނު ވަނީ އެ ދުވަހުން ފެށިގެން 2013ގެ ނިޔަލަށް އެ މަގާމް ފުރުއްވާފަ އެވެ. ގަވަރުނަރުގެ މަގާމު ފުރުއްވި ފަސް އަހަރުގެ ދައުރު ފަޒީލް ސިފަކުރައް ވަނީ "ސިޔާސީ ގޮތުން ވަރަށް ފިއްތުން ބޮޑު،" އަހަރުތަކެއްގެ ގޮތުގަ އެވެ. ނަމަވެސް ފަޒީލްގެ އަމާޒަކަށްވީ "ކިތަންމެ ފިއްތުންތައް ފިއްތި ނަމަވެސް އެމްއެމްއޭއިން ސިޔާސީ ފިޔަވަޅެއް ނޭޅުން" ކަމަށާއި އެކަން ކާމިޔާބު ކުރެއްވި ކަމަށް ފަޒީލް ވިދާޅުވި އެވެ. ސިޔާސީ ގޮތުން ފަޒީލަށް ފިއްތުންތައް ކުރިމަތިކޮށް މަގާމުން ވަކިކުރާނެ ކަމުގެ އިޝާރާތް ކުރެއްވުމުން ވެސް ފަޒީލް ވިދާޅުވެފައި ވަނީ އެއް ވާހަކައެކެވެ. އެއީ "އަޅުގަނޑު މިހިރީ ސިޔާސީ މަގާމެއްގައި ނޫނޭ އެހެންވެ، ބަޔަކު ސިޔާސީ ވާހަކަ ދެއްކި ނަމަވެސް އަޅުގަނޑު ސިޔާސީ ވާހަކަ ނުދައްކާނެ" ކަމަށެވެ. އޭނާ ވިދާޅުވީ އެބޭފުޅާގެ ނަޒަރުގައި ބައެއް ކަންކަމުގައި ސަރުކާރާއި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެކަންކަން ހައްލުކުރަން ވާނީ ވާހަކަ ދައްކައިގެން ކަމަށެވެ.
ފަޒީލްގެ ގަވަރުނަރުކަމުގެ ފަސް އަހަރަކީ ރާއްޖޭގެ އިގްތިސާދު ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފައިވާ ފަސް އަހަރަށް ވާއިރު އެފަސް އަހަރަކީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އޭނާއަށް ރައްދުވި ފަސް އަހަރެވެ. އެ ފާޑުކިޔުންތަކަށް ފަޒީލް ދެއްވަން ބޭނުންވާ ޖަވާބަކީ "ކޮންމެ ގަވަރުނަރެއް ހުއްޓަސް އެމްއެމްއޭއިން ފައިސާ ޗާޕްކުރަން ޖައްސާނަމަ އިގްތިސާދަށް ހައްލެއް ނާންނާނެ. އެންމެ އެދެވޭ ނަތީޖާ ނުލިބި ދިޔައީވެސް އެ ސަބަބާއި ހުރެ،" ކަމަށެވެ.
"އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުން މި ވަރަށް ވެސް އިގްތިސާދު މިއޮތީ،" ފަޒީލް ވިދާޅުވި އެވެ. "ފާޑުކިޔާ ފަރާތްތަކުން މާ ބޮޑަށް ވިސްނަވާފައެއް ނޫން ފާޑުކިޔުންތައް ރައްދު މި ކުރަނީ، ވަކި އެމްއެމްއޭއިން ކީކުރާނީ މަޖިލީހުން ކުރައްވާ ކަމެއް ނުކޮށް، ނިޒާމް އޮތް ގޮތުން އެމްއެމްއޭ އަށް ފައިސާ ޗާޕްކުރަން ޖެހުނީމަ."
މުސްތަގުބަލުގައި ފެންނާނީ ކޮން ދާއިރާއަކުންތޯ ސުވާލު ކުރުމުން އެމަނިކުފާނު އެއްޗެއް ވިދާޅުވަން ބޭނުންފުޅެއް ނުވި އެވެ. ސަރުކާރުގެ މަގާމެއް ފުރުއްވާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ މުސާރަ ނަގާގޮތަށް ދައުލަތުގެ އެއްވެސް މަގާމެއް ނުފުރުއްވާނެ ކަމަށާއި ދައުލަތައް ކަމެއް ކޮށްދެއްވާ ނަމަ ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށެވެ. އަދި ސިޔާސީ ދާއިރާ އިން ނުފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ފަޒީލް ނަޖީބު ގަވަރުނަރު ކަމުން އިސްތިއުފާދެއްވި އިރު އެންމެ ފަހު ނަސޭހަތަކީ ވެސް ރާއްޖޭގެ ހަރަދުތައް ކުޑަކުރަން ގޮވާލެއްވުމެވެ. ޑރ. ފަޒީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމާ ނުބައްދަލު އޮނިގަނޑެއް މިއަދު ގައުމުގައި އޮތުން ކަމަށެވެ. އަދި އެކަން އިސްލާހުކުރަން މަޖުބޫރު ކަމަށެވެ.