08 Jan 2014, 00:30
ތަފާތު 11 ކަލެކްޝަނެއް ހިމަނައިގެން މިއަހަރުގެ "އެލައިޑް ލައިފް އިންޝުއަރެންސް ބްރައިޑް ފެއާ"ގައި ތަފާތު ގިނަ އަދަދެއްގެ ވެޑިންގ ހެނދުންތައް ދައްކާލައިފި އެވެ.
ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ބްރައިޑް މޯލްޑިވްސް ޝޯ އިފްތިތާހުކޮށްދެއްވާފައި ވަނީ ޓްރޭޑް އެންޑް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދެވެ.
ޝޯ އިފްތިތާހުކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހި ޑިޒައިނަރުންގެ "100 ޕަސަންޓް" ދިވެހި އުފެއްދުންތަކެއް މިގޮތަށް ފެޝަން ޝޯއެއްގައި ފެނިގެން ދިއުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
"100 ޕަސަންޓް މިފަދަ ރީތި ހިތްގައިމު ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ބްރައިޑް މޯލްޑިވްސް ފަދަ ފަރާތްތަކުން ދިވެހި ޒުވާން އުފެއްދުންތެރިންނަށް ދިނުމަކީ އަޅުގަނޑުމެން ވަރަށް ހާއްސަކޮށް ބަލައިގަންނަ ކަމެއް. 100 ޕަސަންޓް މޯލްޑިވްސް ރަމްޒުކޮށްދޭ ދިވެހި އިނޮވޭޓިވް ސިކުނޑިތަކުން ފިކުރު ހިންގައިގެން އުފައްދާފައިވާ މިއުފެއްދުންތައް ފެނުނީމަ އަޅުގަނޑުމެން އުފާކުރަން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބްރައިޑް މޯލްޑިވްސުން ބުނީ މިފަހަރުގެ ޝޯގައި ތަފާތުއަށް ޑިޒައިނަރުންގެ 11 ކަލެކްޝަނެއް ދައްކާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އައްމަޑޭސް ކަލެކްޝަން، ރާއިދާސް ކަލެކްޝަން، ޝިފޫސް ކަލެކްޝަން، އިންޓެންސް ކަލެކްޝަން، ޝިޒް ކޯޓުއާ، ބްރައިޑް މޯލްޑިވްސް ވެޑިންގް ޑްރެސް ކަލެކްޝަން، އަލޯރާ ކަލެކްޝަން އަދި ރަތް ލިބާސް ކަލެކްޝަން އެވެ.
ޝޯގައި ދައްކާލާފައިވާ ހުރިހާ އުފެއްދުންތަކަކީ ވެސް ގަންނަން ލިބެން ހުންނާނެ އުފެއްދުންތަކެއް ކަމަށް ބްރައިޑް މޯލްޑިވްސްއިން ބުނެ އެވެ.