12 Dec 2010, 12:00
ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރު ހަނި ކުރުމަށް، ދިވެހި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހް ގެނައުމަށް އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުށަހެޅުމަށް އެޖެންޑާ ކޮށްފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ މި ބިލަކީ ސިވިލްސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނުގައި އޮންނަ އޮތުން ބަދަލު ކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.
ދައުލަތް ހިންގަން ބޭނުންވާ މުއައްސަސާތައް އުފެއްދުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށާއި އެފަދަ މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން އޮންނަ އޮތުމަކީ، ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރަށް ހުރަސްއެޅޭ ކަމެއް ކަމަށް މޫސާ މަނިކު މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނުތަކުގައި އެގޮތަށްހުރި ބައިތައް ބަދަލުކުރުމަށް އެމްޑީޕީން އިސްލާހް ހުށަހަޅުއްވާނެ ކަމަށް ވެސް މޫސާ މަނިކު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލް އުފެއްވުމަށް ބޭނުންވާ ޝަތުރު ފުރިހަމަ ނުވި ނަމަވެސް ފުވައްމުލަކު ހިމެނޭ އިދާރީ ދާއިރާ ހިންގަންވާނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާ ސިޓީ ކައުންސިލަކުން ކަމަށް ނިންމުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހް ހުށަހެޅުމުގެ ބިލަށް ބަހުސް ފެށުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެމްޑީޕީގެ ފަރާތުން މި އިސްލާހް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޒު މުފީދެވެ.