ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން މި މަހުގެ ފަހުކޮޅު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅު މި މަހުގެ ފަހުކޮޅު ލަންކާއަށް ކުރެއްވުމަށް ހަމަޖެހިފައިވިޔަސް ދަތުރުފުޅު ފައްޓަވާނެ ތާރީހެއް އަދި ނުނިންމަވަ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސް ދަތުފުޅު ފައްޓަވާނެ ތާރީހު ކަނޑައެޅެނީ "ދެކޮޅުން" ވެސް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށްފަހު ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށްވެ އެވެ. މި މަހުގެ އެކަކުން ހަތަރު ދުވަހަށް ރައީސް ޔާމިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމިން ލަންކާއަށް ވަޑައިގަތުމުގެ ދައުވަތު ދިނީ ރާޖަޕަކްސާ މިދިޔަ މަހު ރައީސަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. އެ ސިޓީފުޅު ރައީސަށް އެރުވީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑަބްލިޔޫޑަބްލިޔޫ އެމްއާރުއެސް ޑެލާ ރައީސްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގަ އެވެ.

ރައީސް ޔާމިން މި މަހުފަހުކޮޅު ލަންކާއަށް ވަޑައިގަތުމަށް ނިންމާފައިވާއިރު، ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް އެ ގައުމުގެ ސަރުކާރުން ވެސް ރައީސަށް ވަނީ ދައުވަތު ދީފަ އެވެ.