07 Jan 2014, 23:32
ސްޕެނިޝް ކިންގްސް ކަޕްގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބުދަދުވަހުގެރޭ ގެޓާފޭ އާއި ދެކޮޅަށް ބާސެލޯނާ ނުކުންނައިރު އެޓީމުގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަނިޔާގައި ހުރުމަށްފަހު މުޅިން ފިޓްވެފައިވާކަމަށް ކްލަބުގެ މެޑިކަލް ޓީމުން ބުނެފި އެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދިޔަފަހުން ވޭތުވެފިޔަ ހަތަރު އަހަރު ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އާޖެންޓީނާ ފޯވާޑް ސްޕެއިންގެ ލީގު ޗެމްޕިއަންސް އިން ފެނިފައެއް ނުވެއެވެ.
މެސީގެ އެނބުރި އައުން ވެގެންދާނީ ލަލީގާގެ އެއްވަނަ މަގާމުގައި ފައިހަރު ކުރުމަށް އަންނަ ހޮނިހިރު ދުވަހުގެރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ތައްޔާރު ވަމުންދާއިރު އެޓީމަށް ލިބޭނޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އެތުލެޓިކޯގެ ދަނޑުގައި މިދެޓީމު ފޯރިގަދަ ކުރިމަތިލުމަކަށް ތައްޔާރުވަމުންދާއިރު ލީގުގެ އެއްވަނައިގައި ބާސާ އޮތީ ޕޮއިންޓުގެ ގޮތުން އެތުލެޓިކޯއާ އެއްވަރުވެ ފައިދާ ގޯލްގެ ތަފާތުންނެވެ. އެގޮތުން ލީގުގައި ދެޓީމު ވެސް 18 މެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 49 ޕޮއިންޓެވެ.
ކިންގްސް ކަޕްގައި ގެޓާފޭއާ ދެކޮޅަށް ތައްޔާރުވަމުންދާ މެޗުގެ ކުރިން އޮތް ނިއުސް ކޮންފަރެންސްގައި ބާސާގެ ކޯޗު ޖެރާޑޯ މާޓިނޯ، އެމެޗުގައި މެސީ ކުޅެން އަރުވާނެ ކަމަށް ނުބުނި ނަމަވެސް އޭނާ ވަނީ 2007 ވަނަ އަހަރު ގެޓާފޭ ކޮޅަށް މެސީ ޖެހި ތާރީހީ ލަނޑުގެ ހަނދާން އާކޮށްފަ އެވެ. ބާސާގެ ހާފު ތެރެއިން ބޯޅަ ހޯދައިގެން ގެޓާފޭގެ ޑިފެންސް ލައިނާ ދިމާއަށް މިސްރާބު ޖެހުމަށްފަހު މެސީ ވަނީ 12 ސިކުންތު ތެރޭގައި 55 މީޓަރަށް ދުވެފައިގޮސް ހަނި އެންގަލަކުން ގެޓާފޭގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުޓްބޯޅަ ދިރާސާކުރާ ގިނަ ބަޔަކު އަޅާކިޔާ ގޮތުގައި މެސީގެ މި ލަނޑަކީ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާގެ އޭރުގެ ފޯވާޑު އަދި ދުނިޔޭގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާ އިންގްލެންޑު ކޮޅަށް ޖެހިފަދަ ރީތި ލަނޑެކެވެ.
"މާދަމާގެ މެޗުގައި މެސީ ކުޅެފިނަމަ ހަމަ އެކަހަލަ ގޯލެއް އޭނާ ޖަހާނެ ކަމުގެ އުންމީދު އެބައޮތް،" ބާސާގެ އާޖެންޓީނާ ކޯޗު ބުންޏެވެ. "އޭނާ ވަނީ އާޖެންޓީނާއިން އެނބުރި އައިސް އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ފަރިތަކުރުންތަކުގައި ބައިވެރިވެފައި."
މާޓިނޯ އިތުރަށް ބުނީ، ކުޅުމާ ދުރުގައި ކިތަންމެ ދުވަހަކު ހުރެފައި އެނބުރި އައި ނަމަވެސް "މި ދައްކަނީ މެސީގެ ވާހަކަ. އެހެންވީމާ އެއީ މައްސަލައެއް ނޫން،" ކަމަށެވެ.