ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ އަނބިކަނބަލުން އެލިއާ އިންވެސްޓްމަންޓުން އިންސްޓޯލްމަންޓަށް ނެގި ސައިކަލްގެ އަގު އަދާނުކޮށްގެން މުސްތަފާ އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެލިއާ އިންވެސްޓްމަންޓުން ކުރި ދައުވާގައި ބުނެފައި ވަނީ ސައިކަލް ބޭނުން ކުރި މުއްދަތުގެ އިންސްޓޯލްމަންޓް ފައިސާގެ ގޮތުގައި 46,730.44ރ. މިހާތަނަށް ދައްކާފައިނުވާ ކަމަށެވެ.

ސައިކަލް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް 25ރ. ގެ ރޭޓުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 އިން ފެށިގެން މިއަހަރުގެ ފެބުރުއަރީ ހަތްވަނަ ދުވަހާ ހަމައަށް ދައްކަންޖެހޭ 19,500ރ. އާއި އެކު ޖުމްލަ 66,230.44ރ. މުސްތަފާއާ އޭނާގެ އަނބިކަނބަލުންގެ ކިބައިން ހޯދުމަށް އެ ދައުވާގައި ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މުސްތަފާ ފުރުއްވަމުން ގެންދެވި ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލިފައި ވަނީ ވެސް އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ފައިސާ އަދާކުރައްވާފައިނުވާތީ އެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މުސްތަފާ ވަނީ ނިންމަވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވެސް ވަނީ އޭނައާ ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.