ޕާކިސްތާނުގައި ފްރެންޗް ރެސްޓޯރެންޓަކަށް ޕާކިސްތާނު ރައްޔިތުން ވަނުން މަނާކޮށް ހިންގަމުން ގެންދާތީ، އެ ގައުމުގެ ފުލުހުން އެތަން ރެއިޑްކޮށް ރެސްޓޯރަންޓް ބަންދުކޮށްފި އެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްލާމްއާބާދުގައި ހިންގާ "ލަ މައިސަން" ރެސްޓޯރެންޓް ފުލުހުންވަދެ ބަންދުކުރީ، އެތަނުގައި ހަދާފައިވާ ނަސްލީ ގޮތުން ތަފާތު ކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން އާންމުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ޕާކިސްތާނުގައި ހުޅުވި އަދި އެގައުމުގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ފްރެންޗް ރެސްޓޯރެންޓްގެ ވެރިޔާ ފިލިޕޭ ލަފޯގު ބުނީ، އޭނާގެ ރެސްޓޯރެންޓަށް އެ ގައުމުގެ ވަޒަންވެރިންނަށް ނުވަދެވޭ ގޮތަށް އޭނާ ހަދާވައިވާ ގަވާއިދަކީ އެއްގޮތަކަށް ވެސް ނަސްލީ ގޮތުން ތަފާތުކުރުން ކަމަށް ނުދެކޭ ކަމަށެވެ.

"އެއީ ނަސްލީ ގޮތުން ތަފާތުކުރުމެއް ނޫން. އެއީ ސަގާފީ ގޮތުން ވެސް ނާޒުކު މައްސަލައެއް. އަހަރެން ކިހިނެއް މިގައުމުގެ ރައްޔިތުންނަށް ރަލާއި އޫރުމަސް ކާންދޭނީ؟ އެހެންވެ އަހަރެން ނިންމީ ޕާކިސްތާނުގެ ރައްޔިތުންނަށް މިތަނަށް ނުވަދެވޭ ގޮތަށް ހަދަން،" ލަ މައިސަން ރެސްޓޯރަންޓުގެ ވެރިޔާ ބުންޏެވެ.

ފިލިޕޭ ބުނީ ޕާކިސްތާނުގައި ދީނީ ގޮތުންނާއި އަދި އެ ގައުމުގެ ގާނޫނުގައި ވެސް ވާގޮތުން ރަލާއި އޫރުމަސް ބޭނުން ކުރުމަކީ ހަރާމް ކަމަކަށްވާއިރު ރަލާއި އޫރުމަސް ބޭނުން ކޮށްގެން ތައްޔާރު ކުރާ ކާނާ އެ ގައުމުގެ ރައްޔިތުންނަށް ކާންދޭނޭ ގޮތެއް ނޭނގޭ ކަމަށެވެ.

ޕާކިސްތާނުގައި ދިރިއުޅޭ މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް ކެއިން ބުއިމުގައި ހަލާލް ނޫންތަކެތި ވެސް ބޭނުން ކުރުމުގެ ހުއްދަ އޮންނައިރު، އެ ގައުމުގެ ދިރިއުޅޭ އެހެން ދީންތަކުގެ މީހުން ވަނީ އެމީހުންނަށް އެ ރެސްޓޯރަންޓަށް ނުވަދެވޭ މައްސަލަ ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑުކޮށްފަ އެވެ. އަދި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، ދުވަހު ނޫހެއްގެ އެސިސްޓެންޓް އެޑިޓަރެއް ކަމަށްވާ ސައިރިލް އަލްމީދިއާ ނަމަކަށް ކިޔާ މީހެއްކަމަށްވެ އެވެ.

ލަ މައިސަން ރެސްޓޯރަންޓު ބަންދުކުރުމުގެ މައްސަލައިގައި އިސްލާމްއާބާދު ޕޮލިސްގެ ސްޕުރިންޓެންޑެންޓް ޔާސިރު އަފްރީދީ ވިދާޅުވީ، އެ ރެސްޓޯރަންޓުގައި ހަދާފައިވާ ގަވާއިދަކީ އިނގިރޭސިން އިންޑިއާ އަޅުވެތި ކޮށްގެން އުޅުނު ދުވަސްވަރު އެގައުމުގެ ރައްޔިތުންނާ ދޭތެރޭ އިނގިރޭސިން ހިންގިފަދަ ނަސްލީ ތަފާތުކުރުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް ގުޅިން އެތަނަށް ރިޒަވޭޝަނެއް ހެދުމަށް. އެހެން ނަމަވެސް އަޅުގަނޑަކީ ޕާކިސްތާނު ރައްޔިތެކޭ ބުނީމަ ރެސްޓޯރެންޓުން އަޅުގަނޑަށް ރިޒަވޭޝަން ހަދައި ނުދޭނޭ ކަމަށް ބުނީ،" އަފްރީދީ ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން އެތަން ޗެކްކުރަން ދިޔައީ. އޭރު އެތަނުން އަތުލައިގަނެވުނު ލައިސަންސް ދޫކޮށްފައިނުވާ ބާވަތުގެ 300 ރާފުޅިއާއި އަދި ކެސިނޯ ޓޭބަލްއެއް ވެސް،"

އަފްރީދީ ވިދާޅުވީ މިއީ 19 ވަނަ ގަރުނު ނޫން ކަމަށާއި ޕާކިސްތާނު ބިމުގައި އެ ގައުމުގެ ރައްޔިތުންނާ ދޭތެރޭ އެފަދަ ދަށުދަރަޖައިގެ ގޮތަކަށް އަމަލުކުރާތަން ބަލަން ނުތިބެވޭނޭ ކަމަށެވެ.

އިސްލާމްއާބާދުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ހުންނަ ލަ މައިސަން ފްރެންޗް ރެސްޓޯރަންޓުގެ ވެރިޔާ ފިލިޕޭ ލަފޯގްއަކީ ކުށުގެ ރެކޯޑުތައް ވެސް އޮން މީހެކެވެ. އެހެން ކަމުން އޭނާގެ މައްސަލަތައް އިތުރަށް ބަލަމުން ގެންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިއީ ޕާކިސްތާނުގައި މިފަދަ ގޮތަކަށް ބޭރުގެ ރެސްޓޯރެންޓެއް ބަންދުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގައުމުގައި ވަނީ 2009 ވަނަ އަހަރު "ދަ ކޯޑޮން ރޯގު" ކިޔާ ފްރެންޗް ރެސްޓޯރެންޓެއް ވެސް އެގޮތަށް "ހަމައެކަނި ބިދޭސީންނަށް،" ޖަހާފައިވާ ބޯޑު އަޅުވަފައި ވާތީ އެތަނާ ދެކޮޅަށް މުޒާހަރާކޮށް އެތަން ބަންދުކުރުވާފަ އެވެ.