07 Jan 2014, 21:41
ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ޗެލެންޖު ކަޕްގެ ގުރުލުން އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއަހަރުގެ މޭ މަހުގެ 19 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްގާނިސްތާ، މިޔަންމާ، ފަލަސްތީން، ލާއޯސް، ކިރުގިސްތާން، ފިލިޕީންސް އަދި ތުރުކަމަނިސްތާނެވެ.
އޭއެފްސީ ޗެލެންޖު ކަޕް މިއަހަރު ރާއްޖޭގައި ބޭއްވާނެ ކަމާމެދު ސުވާލުތަކެއް އުފެދިފައިވާއިރު، އެ މުބާރާތް ރާއްޖޭގައި ބާއްވަން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްއިން ދަނީ މަސައްކަތް ކުރަމުން ނެވެ. މުބާރާތުގެ މެޗުތައް މާލެ ސިޓީ އަދި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ބޭނުންވާ ކަންކަން އަދި ހަމަޖެހިފައެއް ނުވެ އެވެ.
އޭއެފްސީ ޗެލެންޖު ކަޕުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ގުރޫޕް ސްޓޭޖަށް ބަހާލައިގެން ދެ ގުރޫޕެއްގައި ޓީމުތައް ވާދަކުރާ އުސޫލުން ނެވެ. މި ދެގުރޫޕްގެ އެއް ވަނަ އަދި ދެވަނަ ޓީމުތައް ކުރިމަތިލާނީ މުބާރާތުގެ ސެމީ ފައިނަލްގަ އެވެ.