ފެހި ގާނޫނު އަސާސީއަށްފަހު އެންމެ ފުރަތަމަ އިންތިހާބުވި ރައީސް އަކީ ރައީސް ނަޝީދެއް ނޫން ކަމަށާއި އެ ރައީސްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމް ކޯލިޝަނުން ކާނިވަލުގައި ރޭ ބޭއްވި ކެމްޕޭން ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީ ސަރުކާރަކީ ޑިމޮކްރެޓިކް އުސޫލުން އައި ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ ސިޔާމު ވަނީ ރޭ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސިޔާމު ވިދާޅުވީ 2008 ވަނަ އަހަރު ރައީސް މައުމޫނާއި ވާދަކޮށް އެމްޑީޕީން އިންތިހާބު ކާމިޔާބުކުރީ އެންމެހާ ނުބައި އަމަލުތަކެއްކޮށް ހަގީގަތާއި ހިލާފު އެތަށް ވާހަކަތަކެއް ދައްކާ ހަގީގަތް އޮޅުވާލައިގެން ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީއަށްފަހު ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވި ފުރަތަމަ ރައީސަކީ ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ތިބި ރައްޔިތުންގެ ސިކުނޑިތަކަށް ހަގީގަތާއި ހިލާފު އެތަށް ވާހަކަތަކެއް ދައްކާ، ހައްގު ތެދުމަގުގައި ތިބި މީހުންނަށް ވަގަށް ގޮވާ އެ މީހުންގެ އަބުރު ކަތިލާ އެފަދަ ކަންތައްތަކެއް ކުރުމުގެ ސަބަބުން އެ ވަގުތު މަދުން ނަމަވެސް ތިބި ބަޔަކު އެބަޔަކަށް ގޮސް ހެއްލިގެން އެމްޑީޕީގެ ރައީސް އައީ. އެއްވެސް ޑިމޮކްރެޓިކް އުސޫލަކުންނޫން. ރާއްޖޭގެ ރައީސްކަމަށް 2008 ވަނަ އަހަރު ގާނޫނު އާސީސީގެ ދަށުން ހަގީގަތުގައި ފުރަތަމަ ޑިމޮކްރެޓިކް ރައީސްއަކީ އަޅުނގަޑުމެންގެ ރައީސް ޔާމީން،" ސިޔާމު ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގައި ގައުމަށާއި ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އިޝާރާތްކުރައްވާ ސިޔާމު ވިދާޅުވީ ދައުލަތުން ހަތަރު ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ ކޮންމެ ރައްޔިތަކު ދެ ލައްކަ ރުފިޔާއިން ދަރަނިވެރިވެފައި އޮތް އޮތުމުގެ ޒިންމާ އެމްޑީޕީން ރައީސް ނަގަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭއަށް ދިމާވާނެ މައްސަލަތައް ނުބަލައި އެއާޕޯޓު ވިއްކާލުމާއި ރައްޔިތުންނަށް ވިސާ ނުލިބުމާއި ގެދޮރު މަރާމާތު ކުރުމަށް ބޭނުންވާ ހިލަވެލި ނުލިބުމުގެ ޒިންމާ ވެސް އެމްޑީޕީން ނަގަންޖެހޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުން ރައްޔިތުންނަށް ލިބުނު ގެއްލުންތައް އަލުން ތަކުރާވެގެން ގޮސްދާނެ ކަމަށް ފާހަގަކުރައްވައި ސިޔާމު ވިދާޅުވީ "އެއް ފުޅަން މަތިން ފުއްމާލި ބަކަރި އަނެއް ފުޅަށް މަތިންވެސް ފުއްމާލާނެ" ކަމަށެވެ. އަދި ރައީސް ޔާމީން ގައުމަށް ގެނެސްދޭން ބޭނުންވާ ތަރައްގީ ހާސިލުކުރަން ލޯކަލް ކައުންސިލް އިންތިހާބުގައި 90 ޕަސެންޓު ޕީޕީއެމް ކޯލިޝަނަށް ދިނުމަށް ސިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.