07 Jan 2014, 19:18
މައްސަލަތަކުގައި ފުލުހަށް ގެންނަ ފަރާތްތަކާ މުއާމަލާތްކުރުމުގައި "ރީތި ބަސް" ބޭނުންކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ފުލުހުންނަށް ގޮވާލައްވައިފި އެވެ.
ސީޕީ މިގޮތަށް ގޮވާލައްވާފައި ވަނީ ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރާ މީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، އިންސާނީ ކާރާމާތަށް އުނިކަން ނާންނާނެ ގޮތަށް އެ ފަރާތްތަކާއި މުޢާމަލާތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާއި ގުޅިގެން މައްސަލަތަކުގެ "ވާނުވާ" މައްސަލާގައި ހިމެނޭ ފަރާތްތަކަށް އަންގަމުން ދިޔުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސައިން ވަހީދު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ތަހުގީގުކުރާ މައްސަލަތައް ސާބިތުކުރެވޭ ވަރުގެ ހެއްކާއެކު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ކޮންމެ މައްސަލައެއް ވެސް ތަޙުގީގުގެ އެންމެ ފުންމިނަށް ފީނައި ލިބެން ހުރި ހުރިހާ ހެއްކަކާއި ގަރީނާއެއް ހޯދައި މައްސަލަތައް ތަޙުގީގު ކުރަމަށް ވެސް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތްކޮށް ދެއްވުމަށް ވެސް ހުސައިން ވަހީދު ރޭ ވަނީ ގޮވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކަށް ބެލުމެއްނެތި ހަމަހަމަކަމާއި ތެދުވެރިކަމާއެކު މައްސަލަތައް ބަލައި ދިނުމަށާއި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ފުލުހުން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.