07 Jan 2014, 18:29
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ލިމިޓެޑް (އެމްޓީސީސީ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ގ. ވަށަފަރު އިގްބާލް އާދަމް އައްޔަންކޮށްފި އެވެ.
އިގްބާލަކީ ކުރިން ޓީވީއެމް އާއި ދިވެހިރާއްޖެ އަޑު ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ޖޫން 18، އިން ފެށިގެން އެމްބީސީގެ ބޯޑުން އިސްތިއުފާ ދެއްވައި އޭނާ ވަނީ ސިޔާސީ ދާއިރާއަށް ނުކުންނަވާފަ އެވެ. އިގްބާލަކީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމްގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެމްޓީސީ ބޯޑުގެ ޗެއާމަން ކަމަށް އިގުބާލް ހަމަޖެއްސެވުމަށްފަހު، އެ ބޯޑުގެ މެމްބަރު ކަމުން ލ. ގަން، ނޫވިލާގެ، މޫސާ ނަސީމް ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން މިއަދު ވަނީ ބުނެފަ އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްޓީސީގެ ބޯޑަށް މިއަދު ގެނައި ބަދަލާއެކު ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ ބޯޑަށް ވެސް ޕްރައިވަޓައިޒޭޝަން ބޯޑުން ބަދަލު ގެނައި ކަމަށެވެ. އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ބޯޑުގެ މެމްބަރު ކަމަށް މ. ކާނިމާގެ މުހައްމަދު އިކްރާމް ވަނީ އައްޔަންކޮށްފަ އެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުން ތިން ބޭފުޅަކު ވަކިކޮށް، ދެ ބޭފުޅަކަށް ވަނީ އެ ބޯޑުގެ މެމްބަރުކަން ވަނީ ދީފަ އެވެ.
އެމްއޭސީއެލްގެ ބޯޑުން ވަކިކުރި ބޭފުޅުންނަކީ މ. މުލީގެ އިބްރާހިމް މުހައްމަދާއި ގދ. މަޑަވެލި، ގަހާ، އަހްމަދު މުނައްވަރުގެ އިތުރުން މާލެ ދަފްތަރު 6704 އަބްދުﷲ ޔަޒީދު އެވެ.
އެ ބޯޑަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ ބ. އޭދަފުށީ ޗާނދަނީގެ، އަހްމަދު ނަޒީރާއި މުހައްމަދު އަބްދުއްސައްތާރެވެ.
އައިލެންޑް އޭވިއޭޝަންގެ ސާވިސަސް ލިމިޓެޑުގެ ބޯޑަށް މިއަދު ވަނީ ކުރީގެ ފިޝަރީޒް މިނިސްޓަރު ހއ. އިހަވަންދޫ، ވައިޖެހޭގެ އަހުމަދު ޝަފީއު އައްޔަންކޮށްފަ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލިއުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލު ގެނައުމުގެ ބާރު ދީފައި ވަނީ ޕްރައިވަޓައިޒޭޝަން ބޯޑަށެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.