އޭޑީކޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި، ޑޮކްޓަރު ޑރ. އާރު ޖޭ ސީ ޕާންޑިއަން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ނިޔާވެއްޖެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ޑރ. ޕާންޑިއަން ނިޔާވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރުގެ ބަލީގައި އުޅުއްވުމަށް ފަހުގައި ކަމަށެވެ. ޑރ. ޕާންޑިއަން އަށް ޖެހިވަޑައިގެންފައި ވަނީ ލިވާގެ ކެންސަރު ކަމަށް އޭޑީކޭ އިން ބުނެ އެވެ.

ކެންސަރަށް އިންޑިއާ އަދި ރާއްޖެ އިން ވެސް ފަރުވާ ހޯއްދަވާފައިވާ ޑރ. ޕާންޑިއަން ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. ޕާންޑިއަން އޭޑީކޭގައި ހިދުމަތްކުރަމުން އަންނަތާ 27 އަހަރުވެފައިވާ އިރު، ޕާންޑިއަން އޭޑީކޭގައި ހިދުމަތްކުރަން ފަށާފައި ވަނީ 1987 ވަނަ އަހަރުގެ މާޗު މަހުގެ 15 ގަ އެވެ.

އޭޑީކޭގެ ހިދުމަތް ކުޑަ ކްލިނިކެއްގެ ގޮތުގައި ފެށި އިރު، އެންމެ ފުރަތަމަ ހިދުމަތް ދިން އަދި އޭރު ކްލިނިކްގައި ހުރި ހަމައެކަނި ޑޮކްޓަރަކީ ޑރ. ޕާންޑިއަން އެވެ. އޭގެ ފަހުން އޭޑީކޭ ފުޅާވެގެން ހޮސްޕިޓަލަކަށް ބަދަލުވެގެން އައި އިރުވެސް، ޑރ. ޕާންޑިއަން ވަނީ އޭޑީކޭގައި މެދުނުކެނޑި މަސައްކަތް ކުރައްވާފަ އެވެ.

ޑރ. ޕާންޑިއަން ނިޔާވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. ޕާންޑިއަންއަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޑރ. ޕާޑިއަން ނިޔާވުމަކީ އޭޑީކޭ ހޮސްޕިޓަލަށް ލިބުނު ބޮޑު އުނިކަމެއް ކަމަށެވެ.

ޑރ. ޕާންޑިއަން ނިޔާވި އިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅެއް ދުނިޔޭގައި އެބަތިއްބެވެ. ޑރ. ޕާންޑިއަންގެ ފިރިހެން ދަރިފުޅު ޑރ. ޕްރަވީން އަކީ މިހާރު ވެސް އޭޑީކޭގައި މަސައްކަތް ކުރައްވަމުން އަންނަ ޑޮކްޓަރެކެވެ.