07 Jan 2014, 16:57
މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދު 2011 ވަނަ އަހަރު ހަވާލުވި ވެލެންސިއާގެ ފީފާގެ ދަރަނި އަދާކޮށްފައިނުވާތީވެ އެކުލަބާ މެދު ފިޔަވަޅު އެޅުމަށް ފިފާގެ ޑިސިޕްލިނަރީ ކޮމިޓީގެ މި މަހުގެ ބައްދަލުވުމަށް މައްސަލަ ފޮނުވައި އެޖެންޑާކޮށްފައިވާ ކަމަށް ވެލެންސިއާ އަށް އަންގައިފި އެވެ.
ހިޔަލީގެ ދަރިފުޅު އިބްރާހީމް ރާއީ ރަޝީދު ޗެއާމަންކަން ކުރައްވަމުން އަންނަ ވެލެންސިއާ އަށް ދޭނެ ކަމަށް ބެލެވޭ އަދަބަކީ ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލުމެވެ. އެއީ 2009 ވަނަ އަހަރުން ފެށިގެން ފައިސާ ދައްކަން ވެލެންސިއާ އަށް އަންގަމުން ދިޔަ ނަމަވެސް އެކަން ކޮށްފައިނުވުމާއި ފީފާގެ މައްސަލާގައި ޖަވާބުދާރީ ވެސް ނުވާތީ އެވެ. އަދި އެންމެ ފަހުން ވެލެންސިއާ އިން އެދިގެން ނިމިދިޔަ ޑިސެމްބަރު ނިމުމުގެ ކުރިން ފައިސާ ދައްކަން ދިން މުއްދަތުގައި ވެސް ފައިސާ ނުދެއްކުމުންނެވެ.
ފީފާއިން ވެލެންސިއާގެ މައްސަލަ މިމަހު ބާއްވާ ޑިސިޕްލިނަރި ކޮމިޓީގެ އެޖެންޑާގައި ހިމެނީ 2009 ކުޅުނު އެ ޓީމަށް ކުޅުނު ހަންގޭރީގެ ޑިފެންޑަރު އެލެކް ނޯބަޓްއަށް ދޭން ޖެހޭ 24000 ޑޮލަރު 370،080 ރުފިޔާ ނުދީ އޮތުމުންނެވެ. މިއީ ކުރީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޔޮޓްޓުވާސްގެ ޗެއާމަން އަބުދުﷲ ޖާބިރުގެ ދުވަސްވަރުގެ ދަރަންޏެއް ނަމަވެސް ހިޔަލީ މި ދަރަނި ދައްކަން 2011 ވަނަ ހަވާލުވީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް އިންތިހާބުގައި ވެލެންސިއަގެ ޓިކެޓް އޭނާ އަށް ދޭން ކުލަބުން އެއްބަސްވުމުންނެވެ.
އިތުބާރު ހުރި ފަރާތަކުން މިއަދު ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ، ވެލެންސިއާ ރެލިގޭޓް ކުރާނެ ކަމުގެ ހަބަރު މިދިޔަ ހަފްތާގައި ނުސީދާކޮށް ފީފާއިން އެކުލަބަށް އަންގާފައިވާ ކަމަށެވެ. ސަބަބަކީ މި މައްސަލާގައި މީގެ ކުރިން ވެލެންސިއާ އިން ޕޮއިންޓް ކަނޑާފައިވުމާ އެކު އެއް އަދަބެއް ދެ ފަހަރަކު ތަކުރާރުނުކުރާނެތީ އެވެ.
މިކަމާ ގުޅިގެން ވެލެންސިއާގެ އިސްފަރާތެއްގެ ބަހެއް ހޯދާލުމަށް ސަން އިން މިއަދު ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
މިމައްސަލާއާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފީފާ އިން ވެލެންސިއާ އަށް ވަނީ ވަރަށް ހަރުކަށި އިބާރާތުން ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެހެން ނަމަވެސް އެސިޓީ އަށް ވެސް ވެލެންސިއާ އިން އެއްވެސް ޖަވާބެއް ފޮނުވާފައި ނުވާ ކަމަށް އެކުލަބުގެ އިސް އޮފިޝަލަކު ދާދިފަހުން ވިދާޅުވި އިރު، ފީފާ އިން ވަނީ އެސިޓީއަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން އޮޓެމެޓިކުން އިތުރު 5000 ޑޮލަރުން ކުލަބު ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މިފަދަ ބޮޑު މައްސަލައެއް ވެލެންސިއާ އަށް ކުރިމަތި ވެފައިވާ އިރު، ފާއިތުވި ތިން ސީޒަނުގައި ވެސް އެކުލަބް އޮތީ، އެކުލަބު ހަޔާތުގައި ވެސް ދުވަހަކު ވެސް ނުދެކޭފަދަށް ދަށް ހާލަތެއްގަ އެވެ. އަދި ފައިސާގެ މައްސަލާގައި ޓީމުގައި ތިބި ގިނަ ކުޅުންތެރިންވަނީ އެހެން ކުލަބުތަކަސް ދާން ފަށައިފަ އެވެ.