ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހަތަރު މެންބަރަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ހަތަރު ބޭފުޅުންނަކީ މ. ދިއްގަރު އަނީސާ މަންޒިލް އިދުރީސް އިސްމާޢީލާއި ނ. ވެލިދޫ ބޯށިމާގޭ ޢަބްދުﷲ ޢަލީ އާއި ހެންވޭރު އެލިއަތުވިލާ މަރްޔަމް ޝަމްމާ އިބްރާހީމާއި ބ. ދަރަވަންދޫ ނަސްފަރު ޢަރީފް އަޙްމަދު ނަޞީރު ކަމަށެވެ.

އެ މެންބަރުންގެ ތެރެއިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވީ އިދުރީސް އިސްމާޢީލެވެ. ނައިބު ރައީސް ކަމަށް ޢައްޔަނު ކުރެއްވީ ޢަބްދުﷲ ޢަލީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބޭފުޅުން މެންބަރުކަމުގެ ހުވާ ކުރެއްވުމާއި މެންބަރުކަމަށް ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕުރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޙައްގުތައް ލިބެންވާ ފަރާތްތަކަށް އެ ޙައްގުތައް ލިބެންވާނެ ކަމަށް ވިދާޅުވެ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އެކަމުގައި ސަރުކާރުން ދެއްވަން ޖެހޭ އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވި އެވެ.