07 Jan 2014, 16:15
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި ބައިނަލްއަގުވާމީ މާލީ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ފަޒީލް ވިދާލުވީ ރާއްޖޭގެ އިގްތިސާދު "އުސްފުންމުމަކުން، ފުއްމުމަށް" ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ ހިދުމަތް ތައާރަފްކުރުމަކީ ވަރަށް މުހިންމު އަދި ރާއްޖެ އަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު މިދައްކަނީ، އެއް މިލިއަން ދެ މިލިއަން ރުފިޔާގެ ވާހަކައެއް ނޫން އިނގޭތޯ، އަޅުގަނޑު މިދައްކަނީ 100 މިލިއަން 200 މިލިއަންގެ އާމްދަނީ ސަރުކާރަށް ވަންނާނެ ވާހަކަ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މާލީ ހިދުމަތް ތައާރަފްކުރުމަކީ ރާއްޖެ އިން ބޭރުގެ މާލީ އިދާރާތައް އައިސް ރާއްޖޭގައި ވިޔަފާރިކުރާނެ ފުރުސަތު ދިނުމެވެ. އޭރުން ރާއްޖޭގައި ހުންނަ ބޭރުގެ ބޭންކްތަކުން ރާއްޖެ އަށް އެތައް ބިލިއަން ފައިސާއެއް ގެނެސް ރައްކާކުރާނެ އެވެ. އަދި އެ ފައިސާ އިން ރާއްޖެ އަށް ޓެކްސް ދައްކާނެ އެވެ. މިހާރު ވެސް ދުނިޔޭގެ އެތައް ގައުމެއްގައި އެ ވިޔަފާރުކުރާ އިރު އެތައް ބިލިއަނަރުންނެއް ދަނީ ފައިސާ ފޮރުވުމަށް ޓަކައި އެފަދަ ހިދުމަތްދޭ ގައުމުތަކުގައި ފައިސާ ރައްކާކުރަމުންނެވެ.
ބައިނަލްއަގުވާމީ މާލީ ހިދުމަތް މިހާރުދޭ ބައެއް ގައުމުތަކުގެ ތެރޭގައި މޮރިޝަސް އާއި ޝީސެލްސްގެ އިތުރުން މެލޭޝިއާއި ސުވިޒަލޭންޑް ފަދަ ގައުމުތައް ހިމެނެ އެވެ.
ފަޒީލް ވިދާޅުވީ އެކަމަށް ޓަކައި ގާނޫނުތަކެއް ހަދައި މަސައްކަތް ފަށައިފި ނަމަ ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެ އަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ޓަކައި އެންމެ އިސްރޯލެއް ކުޅެވެން އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އެގޮތުން ގާނޫނުތަކަށް ގެނަން ޖެހޭ ބަދަލުތައް ގެނެސް އާމްދަނީ އިތުރުކުރެވޭނެ ބިލްތައް ފާސްކުރުމާއި ގައުމަށް އެކަށީގެން ނުވާ އޮނިގަނޑު ކުޑަކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާލުވި އެވެ.