07 Jan 2014, 15:33
މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ އަކީ އަބަދުވެސް އިނގިރޭސި ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމްގެ ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.
މިސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑާއި މެދު ހިތްހަމަނުޖެހޭކަމާއި އެކްލަބު ދޫކޮށް ދާން ބޭނުންވާ ވާހަކަ ރޫނީ ބުނެފައި ވެއެވެ. ޖެނުއަރީ ޓްރާންސްފާގައި ކްލަބުތަކުން ރޫނީއަށް ފާރަލަމުންދާ ކަމުގެ އަޑުތަކެއްވެސް މީޑިއާގައި ފެތުރިފައިވެ އެވެ. ހޮޖްސަން ބުނީ ރޫނީގެ ފިޓްނަސް ރަނގަޅު ނަމަ، ގައުމީ ޓީމުން އޭނާ އަށް ޖާގަ ލިބޭނެ ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ރޫނީއަކީ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އަހަރެން ވަކި ކުޅުންތެރިއެއް މޮޅު ކުރަނީހެން ހީވެދާނެ. ހަގީގަތުގައި ރޫނީ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް. އޭނާއަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ރޫނީ އަކީ އަބަދުވެސް އިނގިރޭސި ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް." ހޮޖްސަން ބުންޏެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އާންމު ގޮތެއްގައި ރޫނީއަށް ޖާގަ ނުލިބުނު ނަމަވެސް މިސީޒަންގައި އޭނާ އަށް ދަނީ ޖާގަ ލިބެމުންނެވެ. އަދި މިސީޒަންގައި ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނި ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްދީފައި ވެއެވެ. ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ޔުނައިޓެޑަށް މިސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.