07 Jan 2014, 15:29
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމުން ޑރ. ފަޒީލް ނަޖީބު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި މި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއި ޒަމާނީ ފަންނީ އުސޫލުތަކާ އެއްގޮތަށް އެތާނގެ މަސައްކަތްތައް ބައްޓަން ކުރެއްވުމަށް ޑރ. ފަޒީލް ނަޖީބު ކުރެއްވި މަސައްކަތްޕުޅުތައް ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައިވެ އެވެ. އަދި ޒަމާނީ މަނިޓަރީ ސިޔާސަތުގެ އޮނިގަނޑެއް ތަޢާރުފު ކުރެއްވުމުގަޔާއި ބޭންކިންގް ގާނޫނު އެކުލަވާލެއްވުމުގަޔާއި އަދި މި ނޫންވެސް މަނިޓަރީ އެހެން ސިޔާސަތުތައް އެކުލަވާލެއްވުމުގައި ވެދެއްވާފައިވާ ޙިއްސާ ވެސް ފާހަގަކުރައްވާފައިވެ އެވެ.