07 Jan 2014, 15:10
ކުރީގެ ކޮމިޝަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އަބުރާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބެހުނުކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3750،000ރ. ނަގައިދިނުމަށް ރިޔާޒު ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދައުވާ ފޯމް ބާތިލް ކުރުމަށް އަބްދުﷲ ރިޔާޒުގެ ފަރާތުން ހުށަހަޅުއްވާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށެވެ.
"އެ ސިޓީގައި އެދިފައިވާ ގޮތުގެމަތިން މި މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، މި މައްސަލަ މިވަގުތު އިތުރަށް ބަލައި ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި އެވެ.
ނަޝީދުގެ މައްޗަށް ރިޔާޒު އެ ދައުވާ ކުރައްވާފައި ވަނީ ކޯނީގެ ރިޕޯޓު ނެރު ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ރިޔާޒަށް ރައްދުވާގޮތަށް ނަޝީދު "ބާޣީ" އޭ ގޮވުމުގެ ސަބަބުން ރިޔާޒުގެ އަބުރާއި ކަރާމާތަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވެ އެވެ.
ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައިދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކޮށްގެން ތިބި ބައެއްކަމަށް އެމަނިކުފާނަށް އަދިވެސް ތުހުމަތު ކުރެވޭތީ އެ ދެބޭފުޅުންނާ ދިމާލަށް "ބާޣީ"އޭ ކިޔުން ނުހުއްޓާނެ ކަމަށެވެ.