12 Dec 2010, 10:54
ލޮލުގެ ބަލިތަކަށް ފަރުވާ ދީ، އޮޕަރޭޝަންތައް ކުރުމަށް މިހާރު ރާއްޖެ އައިސްފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އިޒްރާއީލްގެ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "އައި ފްރޮމް ޒަޔަން"ގެ ލޮލުގެ ޑޮކްޓަރުންގެ ޓީމާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ޑޮކްޓަރުންގެ ޓީމުން ރާއްޖޭގައި ފޯރުވައިދެއްވަމުންގެންދަވާ އިންސާނީ ޚިދުމަތަށް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހި ކުރައްވައި، އެފަރާތްތަކުގެ އެހީގައި ޞިއްޙީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެއްބާރުލުން ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި، އެ ޑޮކްޓަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތް ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުއްވައިދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، ވަރަށް ބޮޑު ޝަރަފެއްކަމަށާއި، ރާއްޖެއިން އެބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާ މެހްމާންދާރީއަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގައި، ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންވަރަށް ގިނަކަމަށް ވިދާޅުވެ، އެޓީމުން ރާއްޖޭގައި ިދެއްވަމުންގެންދަވާ ޚިދުމަތަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެއްވި އެވެ.
"އައި ފްރޮމް ޒަޔަން"އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ އަދި އިންސާނީ ޚިދުމަތް ފޯރުވައިދެމުން ގެންދާ އިޒްރާއީލްގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ޑޮކްޓަރުންގެ ޓީމުން ރާއްޖެއަށް މިކުރާ ޒިޔާރަތުގައި، މާލެއާއި، އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި ލޮލުގެ ތަފާތު މައްސަލަތައް ހުންނަ މީހުންނަށް ފަރުވާދެއްވުމަށް ހަމަޖެހިފައިވެ އެވެ.