07 Jan 2014, 14:34
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސީނިއާ އެޑްވައިޒަ ޓު ދަ މިނިސްޓަރުގެ މަޤާމަށް ގަލޮޅު ކާނިހިޔާ މުޙަންމަދު ޖަލީލު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ވަނީ އެކަން މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
ޖަލީލަކީ، މީގެކުރިން ވެސް ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ރާއްޖޭގެ ފައިނޭންސް ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ މިނިސްޓަރު އޮފް ސްޓޭޓް ފޮ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމާއި، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަޤާމާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ކަމުގެ މަޤާމު އެމަނިކުފާނު ފުރުއްވާފައިވެ އެވެ. އަދި އޭގެ ކުރިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއްގައި އެ އޮތޯރިޓީއަށް ވެސް ގިނަ ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ ކުރައްވާފަ އެވެ.