ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންއަކަށް ކުރީގެ ސަރުކާރުގައި ފިޝަރީޒު މިނިސްޓަރުގެ މަގާމްގައި ހުންނެވި އަހުމަދު ޝަފީއު އަށް ދެއްވައިފި އެވެ.

މީގެ ކުރިން އެމަގާމްގައި ހުންނެވީ އިސްމާއިލް ޝަފީގް އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ޝަފީއުއަށް އެ މަގާމް ދިންކަން އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވަނީ މިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ އިތުރުން ވަގުތީ ގޮތުން ހޯމް މިނިސްޓްރީ ވެސް ހިންގަވާފަ އެވެ. އަދި ކުރީގެ ސަރުކާރުތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވެ އެވެ.