07 Jan 2014, 14:27
ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 400 ވަނަ ލަނޑާއެކު ސެލްޓާވީގޯ އަތުން 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާ އެކު މޮޅުވެ ރެއާލް މެޑްރިޑް ސްޕެނިޝް ލީގު ތާވަލުގައި ފަރަގު ކުޑަކޮށްފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އެޓީމުން ކުރިހޯދުމުގެ ކުރިން ސެލްޓާއިން ވަނީ ނަތީޖާ ބަދަލުކޮށްލާނޭ ރަގަނޅު ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. އެ މެޗުގައި ރެއާލްއަށް ސެލްޓާގެ ގޯލް ހުޅުވާލަދިނީ 67 ވަނަ މިނިޓްގައި ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. ރެއާލްގެ ދެވަނަ ލަނޑު 82 ވަނަ މިނިޓްގައި ކާމިބުކޮށްދިނީ ރޮނާލްޑޯ އެވެ. އަދި އޭގެ އަށް މިނިޓްފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް ޕޯޗްގީޒް ކެޕްޓަން އޭނާގެ ކެރިއަރުގައި 400 ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި ނަތީޖާއާ އެކު ލީގު ތާވަލުގެ ތިން ވަނައިގައި 44 ޕޮއިންޓާއެކު ރެއާލް ވަނީ، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ދެވަނައިގައި އޮތް އެތިލެޓިކޯ މެޑްރިޑާ ފަސް ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ.
ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ، ލަލީގާގެ ތާރީޚްގައި ރެއާލްއަށް ހަތަރުވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ހުރިހާ މުބާރާތެއް ހިމެނޭގޮތަށް 653 މެޗު ކުޅެގެން 400 ލަނޑު ހަމަކޮށްފައިވާއިރު މި ސީޒަންގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 28 އަށް އަރައިފަ އެވެ.