07 Jan 2014, 13:31
ޒަމާނީ ސްޕެސިފިކޭޝަންތަކާ އެކު ސެމްސަންގް އިން ގެލެކްސީ ޓެބް ޕްރޯ އަދި ގެލެކްސީ ނޯޓް ޕްރޯ މޮޑެލްގެ ޓެބްލެޓް ތަކެއް ތައާރަފް ކޮށްފި އެވެ.
ޖެނުއަރީ ހަތަކުން ދިހަޔަކަށް ކުރިއަށްދާ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ސެމްސަންގް އިން މިއަދު ދައްކާލި ގެލެކްސީ ޓެބް ޕްރޯ ނެރިފައި ވަނީ 4.8 އިންޗި އާއި 10.1 އިންޗި އާއި 12.2 އިންޗީގެ ސައިޒު ތަކުގައެވެ. ގެލެކްސީ ނޯޓް ޕްރޯ ނެރެފައި ވަނީ ހަމަ އެކަނި 12.2 އިންޗީގައެވެ.
12.2 އިންޗިއަކީ މިހާރު ބާޒާރުގައި އާއްމުވެފައިވާ ޓެބްލެޓު ތަކުގެ އެންމެ ބޮޑު އެއް ސައިޒެވެ. މާހިރުން ބުނާ ގޮތުން ޓެބް ޕްރޯ އަދި ނޯޓް ޕްރޯ މޮޑެލްތައް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ލެޕްޓޮޕް ކޮމްޕިއުޓަރާ ޓެބްލެޓާ ހުރި ފަރަގު ކުޑަކުރުމެވެ. ލެޕްޓޮޕްގެ ބަދަލުގައި ބޭނުންކުރެވޭ އެއްޗަކަށް ޓެބްލެޓު ހެދުމެވެ.
އަލަށް ނެރުނު ޓެބް ޕްރޯ އަދި ނޯޓް ޕްރޯގެ ހުރިހާ ޓެބްލެޓެއްގައި ވެސް ހަރުކޮށްފައިވަނީ 2560 * 1600 ޕިކްސެލް ރެޒޮލޫޝަންގެ ސްކްރީނެވެ. މިއީ އަދުގެ ބާޒާރުގައި އެންމެ ރަނގަޅު އެއް ސްކްރީން ރެޒޮލޫޝަނެވެ. އަދި މި ދެ މޮޑެލްގެ ހުރިހާ ޓެބްލެޓަކަށްވެސް އެންޑްރޮއިޑް 4.4 ކިޓްކެޓް ސޮފްޓްވެޔާ އަޅާފައިވާއިރު މި މޮޑެލްތަކުގެ ތެރެއިން ވައިފައި، 3ޖީ އަދި އެލްއީޓީ ވަޔަލަސް ކަނެކްޓިވިޓީ މޮޑެލްތައް ހިޔާރު ކުރެވެއެވެ.
ބޯމިނުގައި 8 މިލިމީޓަރު ހުންނަ 12.2 ސައިޒުގެ ޕްރޯ ޓެބްލެޓުތަކުގެ ބަރުދަނަކީ ގާތްގަނޑަކަށް 680 ގްރާމެވެ. މިޒަމާނުގެ އެންމެ އަވަސް ޕްރޮސެސަރާ އެކު ރެމް ގެ ސައިޒުވެސް ބޮޑުކޮށް ހަދާފައިވާ މި ޓެބްލެޓު ތަކުގައި 64 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުރެއެވެ. އަދި ކޮންމެ ޓެބްލެޓެއްގެ ފަހަތުގައި 8 މެގަޕިކްސެލް، އަދި ކުރިމަތީގައި 2 މެގަޕިކްސެލްގެ ކެމެރާއެއް ހުރެއެވެ.
ނޯޓް ޕްރޯ ގެ ހާއްސަ ކަމަކަށް ފެނިގެން ދަނީ މުޅިން އާ ފަރުމާއެއްކަމަށްވާ ހަތަރު ވިންޑޯ އެއްފަހަރާ ހުޅުވައިގެން މަލްޓިޓާސްކް ކުރުން، ނުވަތަ އެއްފަހަރާ އެއްކަމަށް ވުރެ ގިނަ ކަންކަން ކުރުމުގެ އިހްތިޔާރު އޮތުމެވެ. ޓެބް ޕްރޯގެ ހުރިހާ ސައިޒެއްގައިވެސް މަތި މަތީގައި ވިންޑޯ އަތުރާލައި، ސައިޒު ބަދަލުކޮށް މަލްޓިޓާސްކް ކުރެވެއެވެ. އަދި ނޯޓް ޕްރޯގައި ވަނީ ސެމްސަންގްގެ ހާއްސަ ސެއް-ޕެން ވެސް ހިމަނާފައެވެ.
ޕްރޯ ޓެބްލެޓުތައް ފަރުމާކޮށްފައި ވަނީ ސެމްސަންގް އިން 2013 ވަނަ އަހަރު ނެރުނު ގެލެކްސީ ނޯޓް 3 އާއި ގެލެކްސީ ޓެބް 10.1 އާ ދާދި އެއްގޮތަކަށެވެ. މި ޓެބްލެޓްތަކުގެ ފަހަތް ލެދަރުން ހަދާފައިވާ އިރު ކައިރިފަށް ހަދާފައިވަނީ ސިލްވާ ކުލައިގެ ޕްލާސްޓިކުންނެވެ.
ހިނގަމުން މިދާ ފުރަތަމަ ކުއާޓާ ތެރޭގައި ވިއްކަން ފަށާނެ ކަމަށް އިއުލާނުކޮށްފައިވާ ސެމްސަންގް ގެލެކްސީ ޓެބް ޕްރޯ އާއި ސެމްސަންގް ގެލެކްސީ ނޯޓް ޕްރޯގެ ޓެބްލެޓުތައް ބާޒާރަށް ނެރޭނެ އަގުގެ އިޝާރާތެއް އަދި ނުލިބެއެވެ.
http://www.youtube.com/watch?v=O54BeleMVLQ