ފްރާންސްގެ މާސޭ އަށް ކުޅެމުންދާ ހުނަރުވެރި ފޯވާޑް އަންދްރޭ-ޕިއެރޭ ގިގްނަކް އަށް ޕްރެމިއާ ލީގުގެ ކްލަބަކުން ހުށަހެޅި ހުށަހެޅުމެއް ދޫކޮށްލާފައިވާ މާސޭގެ ޗެއާމަން ވިންސެންޓް ލަބްރޫނޭ ބުނެފި އެވެ.

މިސީޒަނުގެ ފްރާންސް ލީގުގެ ހަވަނާގައި އޮތް މާސޭ އަށް ކުޅުނު ސަތާރަ މެޗުން ގިގްނަކް ވަނީ އެ ޓީމަށް އަށް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އިނގިރޭސި ކްލަބު ވެސްޓް ހާމްގެ ފޯވާޑް އެންޑީ ކެރޯލް އަށް އަނިޔާވުމާއި ގުޅިގެން އެމަގާމް ފީބެއްދުމަށް ޓަކައި ޖެނުއަރީ ޓްރާންސްފާގައި އެކްލަބުން ގިގްނަކް ހޯދަން އުޅޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނަމުންދެ އެވެ.

"އެއްވެސް ސިއްރެއް ހާމަކުރުމެއް ނެތި ބުނެވޭނީ މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސި ކްލަބަކުން ގިގްނަކް އަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅި. ނަމަވެސް އަހަރެމެން އެހުށަހެޅުން ދޫކޮށްލައިފިން. މިސީޒަން ނިމެންދެން ގިގްނަކްއާއެކު ކުރިއަށް ދާން ކްލަބުން މިހިރީ އުފަލާ އެކު. އަހަރެން ބަލަން ބޭނުން ވަނީ ދަނޑުގައި ހިނގާ ކަންތައް. ގިގްނަކް ދަނީ ލަނޑުތައް ކާމިޔާބުކޮށްދީ، އަހަރެމެންނަށް އެހީތެރިވަމުން." ލަބްރޫނޭ ބުންޏެވެ.

ތިން އަހަރު ދުވަހު ޓޫލޫސޭ އަށް ކުޅުމަށް ފަހު 2010 ވަނަ އަހަރު މާސޭ އަށް ބަދަލުވި ފްރާންސް ފޯވާޑް ގިގްނަކް އެކްލަބަށް ރަނގަޅު ކުޅުމެއް ދައްކަމުންދެ އެވެ. މިދިޔަ ސީޒަންގައި ވެސް ގިގްނަކް ހޯދުމަށް ބައެއް ކްލަބުތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަށް މާސޭ ކޮލިފައިނުވެއްޖެ ނަމަ، އެ ކްލަބުން ގިގްނަކް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ.