ބްރެޒިލްގައި މިއަހަރު ބާއްވާ ވޯލްޑް ކަޕަށް ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމް ކުރިމަތިލާން ތައްޔާރުވަމުންދާ އިރު، އެ ޓީމް އޮތީ ޕްރެޝަރެއްގައި ކަމަށް ޖަރުމަންގެ ކުރީގެ ތަރި އޮލިވާ ބިއަހޯފް ބުނެފި އެވެ.

ޔޯޗިމް ލޯގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދާ ޖަރުމަން ޓީމް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕް ބައްރުގެ ގްރޫޕް ސީގެ އެއްވަނަ ޓީމްގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު ދިހަ މެޗުން އެޓީމް ނުވަ ޕޮއިންޓް ހޯދާފައިވެ އެވެ. މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ހިމެނިފައިވާ ޖަރުމަން ވާދަކުރަންޖެހޭނީ ޕޯޗުގަލް އާއި ގާނާ އަދި އެމެރިކާ އާ އެވެ.

"ޖަރުމަން ޓީމް އޮންނާނީ ޕްރެޝަރެއްގައި. ހަމަގައިމު ވެސް އެ ޕްރެޝަރު ދަށެއް ނުވާނެ. ކުޅުންތެރިންނާއި ސަޕޯޓަރުންގެ އަޒުމަކީ މިފަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ގެނައުން. އަހަރެމެންނަށް އެނގޭ އަހަރެމެންނަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއްކަން. އެހެންކަމުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ." ޖަރުމަން ގައުމީ ޓީމަށް 70 މެޗު ކުޅުނު އުމުރުން 45 އަހަރުގެ ބިއަހޯފް ބުންޏެވެ.

ޖަރުމަން ޓީމުން ވޯލްޑް ކަޕަށް ނުކުންނަ އިރު، މުބާރާތުގެ ތާރީހުގައި އެޓީމުން ވަނީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އެއީ ވެސްޓް ޖާމަނީގެ ގޮތުގައި ޖަރުމަން ޓީމް ކުޅުނު ދުވަސްވަރު އެވެ. އެންމެ ފަހުން އެޓީމް ކާމިޔާބުކުރީ އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.