07 Jan 2014, 13:04
ރާއްޖެއަކީ މަތީ ތައުލީމްގެ ބައެއް ދާއިރާތަކުން ބައިނަލްއަގުވާމީ މަރުކަޒަކަށް ނެހެދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީ އަށް މިއަދު ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމު ހާސިލު ކުރުމަށް ޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގެ ދަރިވަރުން ރާއްޖެ އައުމުގައި އެއްވެސް ދަތިތަކެއް ދިމާނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހިތްގައިމު މަންޒިލަކަށްވާ އިރު ދުނިޔޭގެ އެހެން ގައުމުތަކުގެ ކުދިން ރާއްޖެ އަށް އަންނަން ބޭނުން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާ އިން ދުނިޔޭގެ މަޝްހޫރު ގައުމަކަށްވާ އިރު އެ ދާއިރާ އިން ރާއްޖެއަކީ މަތީތައުލީމް ހާސިލް ކުރުމުގައި ބައިނައްލަޢުވާމީ މަރުކަޒަކަށް ހެދިދާނެ ކަމަށެވެ.
"އަޅުގަނޑަކަށް ހަމައެއްގޮތަކަށް ވެސް ނުވިސްނޭ ރާއްޖެއަކީ މަތީ ތަޢުލީމުގެ ބައެއް ދާއިރާތަކުން ބައިނަލްޢަގުވާމީ ނުވަތަ ދުނިޔޭގެ ހާއްސަކޮށް ފަތުރުވެރި ކަމުގެ ދާއިރާ އިން މަތީތަޢުލީމު ހާސިލް ކުރުމަށް ފަތުރުވެރިކަމެކޭ އެއް ފަދައިން ދުނިޔޭގެ ފެންވަރުގެ މަރުކަޒަކަށް ނުވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" ނައިބް ރައިސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މަތީތަޢުލިމުގެ ބައެއް ދައިރާތަކުން ރާއްޖެއަކީ ބައިނައްލަޢުވާމީ ފެންވަރުގެ ތަނަކަށް ހެދުމަށް ޓަކައި ގައުމީ ޔުނިވާސިޓީ އާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމަށް ޓަކައި ޔުނިވަސިޓީން އިސްނެގުމަށް ވެސް އެމަނިކުފާން އިއުތިމާސް ކުރެއްވި އެވެ.
މަތީ ތަޢުލީމަށް ރައީސް ޔާމީންގެ ސަރުކާރުން ގެންނަވަން ބޭނުންފުޅުވާ ބައެއް ބަދަލްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ހުޅުވާލާފައިވާ ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރަށް ފުޅާކުރައް ވާނެ ކަމަށެވެ. އެގޮތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރު ކުރުމުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާ ދާއިރާތަކަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނާއިބް ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގުސަދަކީ ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނެރުން ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ޒުވާނުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.