ސްރީލަންކަން އެއާ ލައިންސްގެ ވަގު އީ- ޓިކެޓްތަކެއް ބަޔަކު ވިއްކަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.


ގެލެކްސީ އެންޓާ ޕްރައިސަސްގެ ހެޑް އޮފް ޕެސެންޖާ ސާވިސް މުހައްމަދު ލަތީފު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ބަޔަކު ސްރީލަންކަން އެއާލައިންސްގެ ވަގު އީ ޓިކެޓްތަކެއް އިޝޫކުރަމުންދާ ކަމަށާއި އެކަންތައް ފަޅާ އެރީ 11 މީހުންގެ ގްރޫޕަކުން މިދިޔަ ހުކުރު ދުވަހު އެއާޕޯޓަށް ފުރަން ދިޔައިރު އެމީހުންގެ ނަމުގައި ބުކިން ހަދާފައި ނެތުމުން ކަމަށެވެ.


އޭނާ ވިދާޅުވީ މިހާތަނަށް އެފަދަ 30 ޓިކެޓެއްގެ މައްސަލަ ފަޅާއަރާފައިވާ ކަމަށެވެ.


ލަތީފު ވިދާޅުވީ އިއްޔެ ވެސް 17 މީހެއްގެ ނަމުގައި އީޝޫކޮށްފައިވާ ޓިކެޓްތަކެއްގެ ސީޓް ރިޒަވޭޝަން ހަދަން މީހަކު ގެލެކްސީ އެންޓަޕްރައިސަސް އަށް ދިޔަ ކަމަށާއި އެ ޓިކެޓްތަކަކީ ވެސް ވަގު ޓިކެޓްތަކެއްކަން އެނގުނީ ރިޒަވޭޝަން ހަދާފައި ނެތުމުން ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ޓިކެޓްތަކުގައިވާ ނަންބަރުތައް ސިސްޓަމްގައި ހުންނަ ނަމްބަރުތަކާ ދިމާވޭތޯ ބަލާއިރު ސިސްޓަމްގައި އެ ނަމްބަރުގައި އިޝޫކޮށްފައި ހުންނަ ޓިކެޓްތަކުގައި އިންނަނީ އެހެން މީހެއްގެ ނަމެއް. އެހެން ކަމުން މިޓިކެޓްތަކަކީ އިންޓަނެޓްގެ ޒަރީއާއިން ބަޔަކު ޓިކެޓްގައި ހިމެނޭ މައުލޫމާތުތައް ބަދަލުކުރުމަށް ފަހު އިޝޫކޮށްފައިވާ ޓިކެޓްތަކެއް ކަމަށް ބެލެވޭ." ލަތީފު ވިދާޅުވި އެވެ.


ސްރީލަންކަން އެއާލައިންސްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް ސޭލް އެޖެންޓް ކަމުގައިވާ ގެލެކްސީ އެންޓަޕްރައިސަސް އިން ބުނީ އެ ކުންފުނީގެ ފަރާތުން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކުމަށް އިތުރު ފަސް އެޖެންޓުން ކަނޑައާޅާފައިވާ ކަމަށެވެ.


އެ އެޖެންޓުންނަކީ އޭޝް ޓްރެވަލްސް އާއި ފްލައި ބައި އާއި ކްލެސިކް ޓެރެވަލް އާއި ގޯ މޯލްޑިވްސް އާއި އީ ޓްރެވަލްސް އަދި ސްކައި ޓުވާސްގެ އިތުރު ގެލެސްކީގެ ހިތަދޫގައި ހުންނަ އޮފީހާއި މާލޭގެ އޮފީސް ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. ވީމާ އެޖެންޓުން މެދުވެރިކޮށް ނޫނީ ޓިކެޓް ނުގަތުމަށް ވެސް ގެލެކްސީން އިލްތިމާސްކުރެ އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ސަބް އިންޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އީ ޓިކެޓްގެ އެފަދަ މައްސަލައެއް އިއްޔެ ގެލެކްސީން ހުށަހެޅުމާ ގުޅިގެން މިހާރު ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.