ޒަމާނަށް އަންނަ ބަދަލުތަކާ އެކު އިންސާނީ ތަބީއަތާއި ވިސްނުން ވެސް ދަނީ ހިފެހެއްޓުމެއް ނެތި ބަދަލުވަމުންނެވެ. ޓެކްނޮލޮޖީ މި ވަނީ އެންމެންގެ އަތްފޯރާފަށަށް ތިލަވެފަ އެވެ. ދުނިޔެ ތަރައްގީ ވެގެން އައިއިރު އިޖްތިމާއީ ބަލިމަޑުކަމާއި ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަން ވެސް މިވަނީ ހައްދު ފަހަނައަޅައިދާވަރަށް އިތުރުވެފަ އެވެ. ގައިންގަޔަށް އަރާ ތަފާތު ބަލިތައް ވެސް ވަނީ ނިސްބަތުން އިތުރުވެ އޭގެ ބިރުވެރިކަން ވެސް އިންތިހާއަށް ބޮޑުވެފަ އެވެ. މިދެންނެވި "ތަރައްގީ"ގެ ޝިކާރައަކަށް ކުޑަކުދިން ވެގެން ދިއުމަކީ އަހަރެމެންގެ ޖީލު ފަނާވެދާނެ ކަމުގެ އިންޒާރެއް ކަން ޔަގީނެވެ.

އިނގިރޭސި ވިލާތުގެ އޮންލައިން ނޫހެއް ކަމަށްވާ ޑެއިލީ މެއިލްއިން އެ ގައުމުގައި ކޮށްފައިވާ ދިރާސާއަކަށް ބަލައިލާނަމެވެ. އެއީ އަހަރެމެންގެ މި ރާއްޖޭގައި ހަދާފައިވާ ދިރާސާއެއް ނޫން ނަމަވެސް އެއިން ފެންނަ ނަތީޖާ ހަމަގައިމު ވެސް މިގައުމާއި އަދި އެހެނިހެން ގައުމުތަކާ ވެސް ވަރަށް ބޮޑަށް އެއްގޮތް ވާނެކަމަށް ގަބޫލު ކުރެވެ އެވެ.

މެއިލް އޮންލައިންގެ ހޯދުންތަކުން ދައްކާ ގޮތުގައި "ޖިންސީ ގުޅުންތަކުގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާބަލިތަކަށް ފަރުވާ ހޯދާފައިވާ ކުޑަކުދިންގެ އަދަދު ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގައި ވަނީ ދެގުނައަށް ވުރެ ވެސް އިތުރުވެފަ" އެވެ. ޖިންސީ ގުޅުމުން ފެތުރޭ އިންފެކްޝަންތަކަށް 2003ގައި ފަރުވާހޯދާފައިވާ ކުޑަކުދިންގެ އަދަދު 2474 ގައި ހުރި އިރު ވޭތުވެ ދިޔަ އަހަރުގައި ޖިންސީ ގުޅުމުން ފެތުރޭ އިންފެކްޝަންތަކަށް ފަރުވާހޯދާފައިވާ "ގާނޫނީ ގޮތުން ތަސައްރަފް ނުފުދޭ ކުދިން"ގެ އަދަދު 5000 އަށްވުރެ އިތުރުވެފައިވެ އެވެ. އޭގެ ތެރޭގައި 11 އަހަރު ނުފުރޭ ކުދިން ވެސް ހިމެނޭ ކަމަށްވެ އެވެ.

މި ދެންނެވި އަދަދަކީ ހަމައެކަނި ރިޕޯޓް ކުރެވިފައިވާ އަދަދެވެ. ކަމާ ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މި އަދަދަކީ ނިސްބަތުން ބަލާނަމަ "ޕިރަމިޑް" ނުވަތަ އަހުރާމެއްގެ ކޮޅުހައި ކުޑަ ނިސްބަތެކެވެ. އެހެނީ އެކި ސަބަބުތަކާ ހުރެ އެފަދަ ބަލިތަކުގެ ވާހަކަ ދައްކަން ނުކެރޭ، އަދި ފަރުވާ ހޯދުމުގެ ފުރުސަތު ނުލިބޭ ވެސް އެތައް ހާސް ކުދީންނެއް ތިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގައި ގާނޫނީ ގޮތުން ކުޑަކުދިން ކަމަށް ބެލެވޭ އުމުރުފުރައިގެ 5386 ކުދިން ވަނީ ވޭތުވެ ދިޔަ އަހަރު ޖިންސީ ގޮތުން ގައިންގަޔަށް އަރާ އިންފެކްޝަންތައް ކަމަށްވާ، ގޮނޯރިއާ، ކްލަމިޑިއާ، ހާޕީސް އަދި އެފަދަ އެހެނިހެން އިންފެކްޝަންތަކަށް ފަރުވާ ހޯދައިފަ އެވެ.

ޖިންސީ ގުޅުމުން ގައިންގަޔަށް އަރާ އިންފެކްޝަންތަކަށް 2012 ވަނަ އަހަރު ފަރުވާ ހޯދި 90 ކުދިންގެ ތެރޭގައި 12 އަހަރު ނުވަތަ އެއަށް ވުރެ ހަގު ކުދިން ހިމެނެ އެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ޅައުމުރު ފުރައިގެ ކުދިން، ބައެއް ކުދިން ލަދުވެތި ކަމަށްޓަކައި މިފަދަ ބަލިތަކުގެ ވާހަކަ ނުދައްކައި ތިބޭއިރު އަނެއްބައި ކުދިންނަކީ ބައެއް ހާލަތްތަކުގައި އެކުދިންގެ ހަށިގަނޑުގައި މިފަދަ އިންފެކްޝަނެއް ހުރިކަމުގެ އިހްސާސެއް ވެސް ނުވެ ތިބޭނޭ ކުދިންނެވެ. ޖިންސީ ގުޅުމުން ގައިންގަޔަށް އަރާ އިންފެކްޝަންތަކަށް އިނގިރޭސި ވިލާތުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފަރުވާހޯދި 16 އަހަރުން ދަށުގެ ކުދިންގެ އަދަދު 16707 އަށް އަރަ އެވެ.

މި ނަތީޖާ ތަކަށް ބިނާކޮށް މެއިލްއޮންލައިންގައި ބުނެފައި ވަނީ، އިނގިރޭސި ވިލާތުގައި އާބާދީގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ތަފާތު ބަލިތަކަށް ފަރުވާހޯދާ ކުދިންނަށް ބަލާއިރު ދުވަހެއްގެ ނިސްބަތުން 15 ކުދިންނަކީ ޖިންސީ ގުޅުމުގެ ސަބަބުން ގައިންގަޔަށް އަރާ އިންފެކްޝަންތަކަށް ފަރުވާހޯދާ ކުދިންނެވެ.

މި ނަތީޖާތަކަކީ މުޅި އިނގިރޭސި ވިލާތަށް ސިހުންގެނުވި ނަތީޖާތަކަކަށްވާ އިރު ތަޖުރިބާކާރުން ބުނަނީ، އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އިންފެކްޝަންތަކަށް ފަރުވާ ހޯދާ ކުދިންނަކީ "އެބިއުސް" ކުރުމުގެ ސަބަބުން ޖިންސީ ބަލިތަކުގެ ޝިކާރައަކަށް ވެފައި ތިބޭ ކުދިން ކަމަށެވެ. އަދި ފަރުވާ ހޯދާފައިވާ ކުޑަކުދިންގެ 87 ޕަސެންޓު ކުދިންނަކީ އަންހެން ކުދިން ކަމަށް ވެސް ހޯދުންތަކުން ދައްކަ އެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިން، އެކުދިންގެ ހަށިގަނޑުގައި ޖިންސީ ގުޅުމުން ގައިގަޔަށް އަރާ އިންފެކްޝަނެއް ހުރޭދާނެ ކަމުގެ ބިރު އޮތުމުން އެކަމުގައި އެހީއަކަށް އެދުމަށް ފަސް ޖެހޭ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުންނާއި ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި ސްކޫލަށް ދާ އުމުރުފުރައިގެ ކުދިންގެ ތެރެއިން އެތަކެއް ހާސް ކުދިން "ފާހިޝް" ކަންތައްތަކަށް އަރައިގަންނަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ "އޮންލައިން ކޮށް ބަރަހަނާ ވެބްސައިޓް ތަކަށް ވަނުމާއި އަދި އެކުދިން އަމިއްލައަށް، "ޖިންސީ ގުޅުން ހިންގުމާބެހޭ ތައުލީމު" ލިބިގަންނާތީ އެވެ.

ޕަބްލިކް ހެލްތު އިންގްލެންޑްގެ ހެޑްއޮފް އެސްޓީއައި ސަވައިލެންސް ޑރ. ވެންޑާ ހިއުސް ވިދާޅުވެފައި ވަނީ، ޖިންސީ ގުޅުމުން ހަށިގަނޑަށް އަރާ އިންފެކްޝަންތަކާ ބެހޭ މައުލޫމާތުތަކާއި ފަރުވާހޯދާ މީހުންގެ ރެކޯޑުތައް އެ ޑިޕާޓްމަންޓުން ގަވާއިދުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި މިފަދަ އިންފެކްޝަންތަކާ ދޭތެރޭ ތަފާތު އުމުރުފުރައިގެ މީހުންނާއި ކުދިން ހޭލުންތެރިކަން އުފެއްދުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގާއިރު ކްލަމިޑިއާ ފަދަ ބަލިތަކަށް ހިލޭ ސްކްރީން ކުރެވޭ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުގައި އަމަލުކުރާނޭ ގައުމީ ފެންވަރުގެ ހާއްސަ ގައިޑްލައިންތަކެއް ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެކުލަވައިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެއިލްއޮންލައިން އިން މިފަދަ ދިރާސާއެއް ހަދާފައިވާއިރު މައުލޫމާތު އެއްކޮށްފައި ވަނީ، "ފްރީޑަމް އޮފް އިންފޮމޭޝަން އެކްޓް"ގެ ދަށުން އެ މައުލޫމާތުތައް ކަމާބެހޭ ދާއިރާތަކުން ހޯދައިގެންނެވެ. އެހެން ނަމަވެސް އަހަރެމެންގެ މިގައުމުގައި އެފަދަ މައުލޫމާތުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާއިރު ހުރި މައުލޫމާތެއްވެސް ހޯދައި ލިބިގަތުމަކީ "ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުން" ފަދަ ކަމެކެވެ.

މިދިޔަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީ އަކީ 330652 މީހުންނެވެ. އޭގެތެރެއިން ފަސް އަހަރާއި 14 އަހަރާ ދޭތެރޭގެ 55877 ކުދިން ހިމެނޭ އިރު، މިއުމުރު ފުރައަކީ ބެލެނިވެރިންނާއި ސްކޫލްތަކާއި އަދިވެސް އެކުދިންނާ އަޅައިލާން ޖެހޭ ފަރާތްތަކުން އެކުދިންގެ ތަރުބިއްޔަތާއި ތައުލީމަށް އެންމެ ބޮޑަށް ފާރަލާންޖެހޭ އުމުރުފުރަ އެވެ. އެންމެ ކަމަކުންވެސް ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ މި އުމުރުފުރައިގެ ކުދީން، ފަސޭހަކަމާއެކު ގޯޅި އަޅައި ނުވަތަ ކޮންމެވެސް މީހެއްގެ ފާހިޝް އަމަލުގެ ޝިކާރައަކަށް ވުމުގެ ބިރު އިންތިހާއަށް އޮތްކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ހުސްވި ޑިސެމްބަރު މަހު ޔޫއެންއެފްޕީއޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިއްހީ ދުޅަހެޔޮކަމާއި ދިރިއުޅުމާ ގުޅޭގޮތުން 1،200 އަށް ވުރެ ގިނަ ޒުވާނުންނާއި ކުޑަކުދިން ހިމަނައިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އުމުރުން 15 އާއި 17 އަހަރުގެ 85 ޕަސެންޓް ކުދިން ޖިންސީ ގުޅުން ހިންގާފައިވަނީ އަމިއްލަ ރުހުމުގަ އެވެ. އަދި އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން ޖިންސީ ގުޅުން ހިންގާފައި ވަނީ އަމިއްލަ ރުހުމުގައި ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.

ކަންތައް މިގޮތަށް ހުރިއިރު އިނގިރޭސި ވިލާތްފަދަ ސިއްހީ ދާއިރާއިން ކުރިއަރާފައިވާ އަދި އިޖްތިމާއީ ހޭލުންތެރި ކަމުގައި ވެސް ދުނިޔޭގެ އެންމެ އުހުގައި އުޅޭ ގައުމެއްގައި ޖިންސީ ގުޅުމުން އަރާ ބަލިތައް، ކަންބޮޑުވާ ދަރަޖައަކަށް ފެތުރިފައިވާކަމަށް ހޯދުންތަކުން ދައްކާ އިރު ރާއްޖެފަދަ ކުރިއަމުން އަންނަ، އާބާދީ މަދު، ވަސީލަތްތައް ލިބޭން ނެތް ގައުމެއްގައި މިފަދަ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަމާއި މައުލޫމާތުތައް ފުރިހަމައަށް ނުހޯދިއްޖެ ނަމަ މިއީ އަހަރެމެންނަށް ހަމަޖެހިލައިގެން މިހެން ތިބެން ހެޔޮވާވަރުގެ ކަންތަކެއް ނޫނެވެ. މިއީ އަހަރެމެންގެ ގައުމުގެ އެތައް ޖީލެއްގެ ދެ ދުނިޔެ ބަނަވެގެން ހިނގައިދާނެ ކަމެކެވެ.