07 Jan 2014, 12:04
މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި އިއުލާން ކުރި ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ފަރާތްތަކަށް އަލުން ޕޮއިންޓް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.
ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯންއެހީ ލިބޭ ދަރިވަރުން ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ އެކަންތައްތައް ނިންމާފައިވާ ގޮތުގެ ހަތަރު ނުކުތާއެއް ބަޔާންކޮށްފަ އެވެ.
އެގޮތުން އެ ކޮމިޝަނުގެ ބަޔާނެއްގައި ބުނެފައި ވަނީ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯން އެހީ ލިބޭ ދަރިވަރުންގެ ލިސްޓު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން އާންމުކުރި އިރު އެކި ދަރިވަރުންނަށް އެކޯސްތަކަށް މާކްސްދީފައި ހުރީ، މާކްސް ދިނުމަށް ކަނޑައަޅާފައިވާ ކްރެއިޓީރިއާއާ ހިލާފަށެވެ. އަދި މާކްސް ދިނުމުގައި ކްރެއިޓީރިއާ ހިލާފުވި ތިން ކަމެއް ވެސް އެންޓި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަ އެވެ.
ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ، ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނަށް ފޯމް ހުށަހެޅި ފަރާތްތަކުން އޯއޯސީޑީ ގައުމުތަކުން ޕައިލެޓް ސްޓަޑީސް ކިޔެވުމަށްޓަކައި ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި އެ އެޕްލިކޭޝަނާ ގުޅިގެން އެ ޑިޕާޓްމަންޓުން އެފޯމް ހުށަހެޅި މީހާގެ އެޕްލިކޭޝަނަށް ޕޮއިންޓް ދީފައިވާ އިރު އެމީހާ ފުރިހަމަ ކޮށްފައިވާ ޑިޕްލޮމާގައި ހިމެނޭ ހަތަރު މާއްދާއަކަށް މާކްސް ދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ޝަކުވާ ހުށަހެޅުމުން ވެސް އެ ހަތަރު މާއްދާއަށް ލިބެންވާ ވަރަށް ވުރެ މަދުން މާކްސް ދީފައިވާ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓާޝަރީ ސްޓޫޑެންޓް ލޯނަށް އެދިފައިވާ ފަރާތްތަކުން ލޯނަށް އެދި ހުށަހަޅާފައިވާ ފޯމްގައި އެ ފަރާތްތަކުން ހަދަން ބޭނުންވާ ކޯހުގެ ނަމަކަށް ލިޔެފައި ވަނީ ލޯ ބެޗްލާސް ޑިގްރީ ކަމަށާއި އެއީ ރާއްޖެ އިން ކޯހަކަށް ވާތީ އެބަޔަށް އެފަރާތްތަކުން ދީފައި ވަނީ (ސުމެއް) މާކްސް ކަމަށްވީ އިރު، ފަހުން އެފަރާތުން ނެރުނު ފައިނަލް ލިސްޓު ކޯހުގައި އޮންނީ އިންޓަނޭޝަނަލް ލޯ ކަމަށް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ކޮމިޝަނަށް ހުށައެޅުނު ޝަކުވާތައް އިތުރަށް ބަލައި ތަހުގީގު ކުރި އިރު އަދި އިތުރު ދެކަމެއް ވެސް ވަނީ ފާހަގަ ކުރެވުނު ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
ރާއްޖެ އިން ހެދެންނެތް ކޯހެއް ނަމަ، އެކޯހެއް ހެދޭނީ ކޮން ގައުމެއްގެ ކޮން އިންސްޓިޓިއުޓަކުންކަން އެޕްލިކޭޝަން ފޯމުގައި ބަޔާންކުރަން ލޯނަށް އެދޭ ފަރާތްތަކުން އެންގުމަށާއި އަދި އެކަން ރަނގަޅަށް ބަލާ ކަށަވަރުކުރުމަށް ކޮމިޝަނުން މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނަށާއި މިނިސްޓްރީ އޮފް އެޑުއިކޭޝަނަށް އަންގާފައި ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.