ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެ މީހެއްގެ ގައުމަށް ދާން ބޭނުންވެގެން ޖުމުލަ 2596 ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސައީދު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އަމިއްލަ ހަރަދުގައި އެ މީހެއްގެ ގައުމަށް ދިއުމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު 2596 ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ގިނައީ ބަނގްލަދޭޝް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަދުން ނަމަވެސް އިންޑިއާ އާއި ލަންކާގެ ބިދޭސީން ވެސް ރަޖިސްޓްރީވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ނިންމާފައި ވަނީ އަމިއްލަ އަށް ރަޖިސްޓްރީކުރި ބިދޭސީން މި މަހުގެ 15ގެ ކުރިން ފުރަންޖެހޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ 31 ޖެނުއަރީގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައި،" ސައީދު ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައިން ރަޖިސްޓުރީ ނުވާ ބިދޭސީން 10 އަހަރަށް ޑީޕޯޓްކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި ރަޖިސްޓްރީ ކުރި ބިދޭސީން އެމީހުންގެ ގައުމަށް ގޮސް ހަ މަސް ފަހުން ހުއްދަ ނަގައިގެން ރާއްޖެ އާދެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސައީދު ވިދާޅުވީ ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންއިން "ރެއިޑް"ތައް ޖަހައި އެގޮތުން އަތުވާ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ބުނާ އިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ އިރު، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ފަށާފައިވާ ފުރަތަމަ މަސައްކަތެވެ.