07 Jan 2014, 10:05
ފާއިތުވި އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޖުވެނައިލް ކޯޓުން އާންމުކޮށްފައިވާ 2013 އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހަޅާފައި ވަނީ 103 މައްސަލަ އެވެ.
ޖުވެނައިލް ކޯޓުން ބުނީ 2012 ވަނަ އަހަރު ނިމުނު އިރު ނުނިމި ހުރި 43 މައްސަލައާ އެކު ޖުމްލަ 146 މައްސަލައިގެ ޝަރީއަތް މިދިޔަ އަހަރު އެ ކޯޓުގައި ހިންގާފައިވާ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ނިންމާފައި ވަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުމުގެ ޖުމްލަ 55 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވާ އިރު ވައްކަމުގެ 11 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރުމުގެ ނުވަ މައްސަލައެއް ހުށަހެޅިފައިވާ އިރު ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ތިން މައްސަލައެއްގެ ޝަރީއަތް ވެސް އެ ކޯޓުގައި ވަނީ ހިންގާފަ އެވެ.
މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ޖުމްލަ 122 މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެތެރޭގައި ހިމެނެނީ ގަސްދުގައި މީހަކު މަރާލުމުގެ މައްސަލައަކާއި ޓެރަރިޒަމްގެ މައްސަލައެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމާއި ގެންގުޅުމުގެ 54 މައްސަލައެއް ހިމެނެ އެވެ.
މީގެ އިތުރުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރުމުގެ ނުވަ މައްސަލައަކާ ފޭރުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ފަސް މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޖުވެނައިލް ކޯޓުން ބުނީ ނިމުނު މައްސަލަތަކުގެ ތެރެއިން 14 ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ރިޕޯޓު ފޮނުވަން ޖެހޭ 66 މައްސަލައެއްގެ ތެރެއިން 65 މައްސަލައެއްގެ ރިޕޯޓު 14 ދުވަސްތެރޭގައި ފޮނުވާފައިވާނެ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި 584 މައްސަލައެއް ހުށަހެޅި 584 މައްސަލަ ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ވަނީ ނިންމާފަ އެވެ.
ދެހާސް ބާރަވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ގިނަކަމަށް ތަފާސް ހިސާބުތަކުން އެނގެ އެވެ. އެގޮތުން 2012 ވަނަ އަހަރު 83 މައްސަލައެއް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު 103 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ދައުވާ ކުރި މައްސަލަތައް ގިނަކަމުގައި ވިޔަސް ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ހުށަހެޅި މައްސަލަތަކުގެ އަދަދު މަދުކަމަށް ތަފާސް ހިސާބިތަކުން އެނގެ އެވެ. ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2012 ވަނަ އަހަރު 666 މައްސަލަ ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 584 މައްސަލަ އެވެ.
ދެހާސް ބާރަ ވަނަ އަހަރާއި މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރު ނިންމާފައިވާ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު 94 މައްސަލަ ނިންމާފައިވާއިރު މިދިޔަ އަހަރު 125 މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.