ލަންޑަން (ޖަނަވަރީ 7): މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރު ސިފައިން މިދިޔަ ޖުލައި މަހު ގެނައި ޢަސްކަރީ އިންގިލާބުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަން ސާބިތުވާ މިންވަރަށް ހެކި ހުރިކަން މިކަން ބަލައި ތަހްގީގްކުރާ ބައިނަލްއަޤްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

މިޓީމުގެ ވެރިއަކަށް ހުންނެވި އިނގިރޭސިވިލާތުގެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ލޯޑް ކިން މެކްޑޮނަލްޑް ވިދާޅުވީ ޑރ. މުރުސީގެ ވެރިކަން ވައްޓާލި ޢަސްކަރީ އިންގިލާބުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމުގަ އެވެ. އެ ޖަރީމާތައް ހިންގިކަމުގެ ކުށް މިސްރުގެ އިންގިލާބީ ލީޑަރުންގެ މައްޗަށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާއާއި ދަލީލުތައް އެބަހުރި ކަމަށާ އެތަކެތި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ މިހާރު ޙަވާލުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިސްރުގެ ޢަސްކަރީ އިންގިލާބުގެ ލީޑަރުން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތެރޭގައި އަމާޒަށް ބަޑިޖަހާމީހުން (ސްނައިޕަރުން) ބޭނުންކޮށްގެންނާއި ގޮވާތަކެތި ބޭނުންކޮށްގެން އާންމުންގެ އެތައް ބަޔަކު ގަސްދުގައި މެރުމާއި އެޖަރީމާތައް ފޮރުވުމަށް އެކަމުގެ ތުހުމަތު އިޚްވާން ޖަމާއަތުގެ ބޮލުގައި އެޅުވުން ހިމެނެ އެވެ. މަގާމުން ދުރުކޮށްފައިވާ މިސްރުގެ އިންތިޚާބީ ރައީސް ކަމަށްވާ ޑރ. މުޙައްމަދު މުރުސީ ވަގަށް ނަގައި ޝަރީޢަތަކާނުލައި އޭނާ ހައްޔަރުކުރުން ފަދަ ޖަރީމާތައް ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު މިސްރަށް ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވީ އެގައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފް އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީއާއި މިސްރުގެ ލާދީނީ ޕާޓީތަކުގެ ލީޑަރުންނެވެ.
މިޓީމުގެ ވަކީލެއް ކަމަށްވާ ޖޯން ޑޮގާޑް ވިދާޅުވީ މިސްރުގެ އިންގިލާބީ ލީޑަރުން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަދި ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލާގައި ބައިނަލްއަގްވާމީ އަދާލަތުން ރެކިގެނެވޭނެ ކަމަށް އެމީހުން ބަލައިގެން ނުވާނެކަމުގަ އެވެ. މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ އިންގިލާބީންގެ މައްޗަށް ވަނީ ގާހިރާގެ ނަހްޒާ މައިދާނާއި ރާބިޢާއަލްއަދަވިއްޔާ މައިދާނަށް އެއްވެފައިވާ ލައްކައެއްހާ މީހުންގެ ތެރެއަށް ބަޑިޖަހައި 800 އަށް ވުރެ ގިނަ މީހުން މަރާލިކަމުގެ ތުހުމަތު ކުރެވިފަ އެވެ. މީގެ އިތުރުން ޑރ. މުރުސީ ވެސް ވަނީ މަގާމުން ދުރުކުރުމަށް ފަހު ޝަރީއަތަކާނުލައި ހައްޔަރުކޮށްފަ އެވެ.

މިސްރުގެ އިންގިލާބީ ލީޑަރު ޖެނެރަލް ސީސީ މިހާރު ގެންދަވަނީ މި އަހަރު ބާއްވާ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން މިސްރުގެ ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. (އަލްޖަޒީރާ)