07 Jan 2014, 09:32
ވޮޝިންޓަން (ޖަނަވަރީ 7): ޢިރާޤުގެ ހުޅަނގުގެ ރަށެއްކަމަށްވާ ފަލޫޖާ، އިން އަލްގާޢިދާގެ ހަނގުރާމަވެރިން ބޭރުކުރުމަށް ޢިރާޤު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދުކުރާކަން އެމެރިކާ ހާމަކޮށްފި އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޓޯނީ ބްލެންކެން ޢިރާޤުގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ފާލިޙުލްފައްޔާޒް އާ ފޯނުން ގުޅުއްވައި އިއްޔެ ކުރެއްވި މަޝްވަރާތަކުގައި ފަލޫޖާ، އިން އަލްގާޢިދާގެ ހަނގުރާމަވެރިން ބޭރުކުރުމަށް ޢިރާޤު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެމެރިކާ ފުރިހަމައަށް ތާއީދުކުރާކަމުގަ އެވެ. މިގޮތުން ފަލޫޖާގައި ހަރަކާތްތެރިވާ ޢިރާޤުގެ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން އެރަށުން ބޭރުކުމަށް ޓަކައި އެ ރަށުގެ ގަބީލާތަކާ ގުޅިގެން އިރާޤު ސިފައިން ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކަށް އެމެރިކާގެ ފުރިހަމަ ތާއީދު އެބައޮތްކަން ބްލެންކެންޢިރާޤުގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރަށް ދެންނެވިކަމަށް ވެސް ވައިޓް ހައުސްގެ ބަޔާން ބުނެ އެވެ.
އަލްގާއިދާއަށް ނިސްބަތްވާ ކަމަށް ބުނެވޭ ޖަމާއަތެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް"ގެ ހަނގުރާމަވެރިންގެ ދަށަށް ފަލޫޖާ ދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިއާއެކު އިރާގުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ވަނީ ފަލޫޖާ ހިފައިގެންތިބީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި އެމީހުން ބޭރުކުރުމުގައި އިރާޤު ސިފައިންނަށް އެހީތެރިވެދިނުމަށް އެރަށުގެ ގަބީލާތަކުގެ ވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި މިކަމުގައި ގަބީލާތަކުގެ ވެރިންގެ އެއްބާރުލުން ލިބިއްޖެ ނަމަ އެ ރަށް މިނިވަންކުރުމަށް ޢިރާޤު ސިފައިން ހިންގުމަށް ރާވާ އަސްކަރީ އޮޕަރޭޝަންތަކުން ލިބިދާނެ ގެއްލުންތަކަކުން އެރަށް ސަލާމަތްކުރުމުގެ ފުރްސަތު ލިބިގެންދާނެ ކަމަށް ވެސް މާލިކީ ވިދާޅުވެފައިވެ އެވެ.
ފަލޫޖާއަކީ އެމެރިކާ ސިފައިން ޢިރާގަށް އަރައި ހަނގުރާމަކުރަމުން ދިޔަ އަހަރުތަކުގައި އެމެރިކާއާއި އިރާގު ސިފައިން ގުޅިގެންދިން ވަރުގަދަ ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ރަށެކެވެ. ދެހާސް ހަތަރު ވަނަ އަހަރު އެމެރިކާ ސިފައިންނާއި އިރާޤު ސިފައިން ގުޅިގެން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކުގައި ފަލޫޖާ އަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބި އެ ރަށުގެ އެތައް ހާސްބަޔަކު މަރާލެވިފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ. މީގެ އިތުރުން އެމެރިކާ ސިފައިން އިރާގުގައި ހަނގުރާމަކުރަމުން ގެންދިޔަ ދުވަސްވަރު ފަލޫޖާއަށް ދިން ޙަމަލާތަކުގައި ޑިޕްލޭޓެޑް ޔޫރޭނިޔަމް ފަދަ ބައިނަލްއަޤްވާމީ ގޮތުން މަނާ ވިހަހަތިޔާރުތައް ބޭނުންކޮށްގެން އެރަށަށް ލޭއޮހޮރުވުން ބޮޑު ޙަމަލާތަކެއް ދީ ޢާންމުންގެ އެތައްބަޔަކު މަރާލިކަމުގެ ތުހުމަތު ވެސް އެމެރިކާ ސިފައިންނާއި އިރާޤު ސިފައިންގެ މައްޗަށް ކުރެވިފައިވެ އެވެ. (އަލްޖަޒީރާ)