ވޮޝިންޓަން (ޖަނަވަރީ 7): އެމެރިކާގެ އިރު އުތުރުގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން މައިނަސް 51 ޑިގްރީ ސެލްސިޔަސް އަށް ދަށަށް ގޮސްފައިވާއިރުމިއީ ފާއިތުވި ފަންސާހަކަށް އަހަރު ތެރޭގައިވެސް އެސަރަހައްދުތަކަށް ކުރިމަތިވެފައި ނުވާވަރުގެ ގަދަފިންޏާއި ސްނޯގެ އޮއިވަރު ތަކެއްކަމަށް އެގައުމުގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

އެ އިދާރާ އިން ބުނީ ދުނިޔޭގެ އުތުރު ތަނޑިން އަންނަމުންދާ ފިންޏާއި ސްނޯގެ އޮއިވަރުތަކާއެކު އެމެރިކާގެ އިރު އުތުރުގެ ގިނަ ސަރަޙައްދުތަކުގައި މިހާރު ފިނިހޫނުމިން ވަނީ މައިނަސް 51 ޑިގްރީ ސެލްސިޔަސް އަށް ދަށަށް ގޮސްފައި ކަމުގަ އެވެ. މިކަމުގެ ސަބަބުން އެސަރަހައްދުތަކުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގެ ބޮޑުބައެއް ހުއްޓިފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ދާއިރަތަކުން ބުނެ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އެމެރިކާގެ އިރު އުތުރުގެ ގިނަ ސަރަޙައްދުތަކަށް ކުރިމަތިވަމުންދާ އާދަޔާ ޚިލާފު ފިންޏާއި ސްނޯގެ ތޫފާންތަކުގައި މިހާތަނަށް 18 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން އެ ސަރަހައްދުތަކަށް ދަތުރުކުރަން ހަމަޖެހިފައިވާ އެތައް ހާސް ފްލައިޓެއް ކެންސަލްވެ އެސަރަހައްދުތަކުގެ ބައެއް އެއަރޕޯޓްތަކުގެ ހަރަކާތްތައް ވެސް ވަގުތީ ގޮތުންވަނީ ހުއްޓާލާފަ އެވެ. ކުރިޔަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް އެމެރިކާގެ އިރު އުތުރުގެ ސަރަހައްދުތަކުގެ އެވްރެޖް ފިނިހޫނުމިން މައިނަސް 50 އަށްވުރެ މައްޗަށް ދާނެކަމަށް ލަފާނުކުރެވޭ ކަމަށް އެމެރިކާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

އެމެރިކާގެ އިތުރުން ކެނެޑާއަށް ވެސް ގަދަ ފިންޏާއި ސްނޯގެ ތޫފާންތަކާ ކުރިމަތިލާންޖެހިފައިވާކަން އެގައުމުން ވަނީ ހާމަކޮށްފަ އެވެ. (ރޮއިޓާސް)