07 Jan 2014, 02:51
ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށްޓަކައި "ދިވެހި ބިމުން އިންޗިއެއް ވެސް ދޫކޮށްލާކަށް ނުޖެހޭނެ،" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
~
ރައީސް އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމް ކޯލިޝަނުން ކާނިވަލުގައި މިރޭ ބޭއްވި ކެމްޕޭން ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އިންވެސްޓަރުން ރާއްޖެ ގެނައުމަށް އޭރުގެ ސަރުކާރުން ކުރި ކަންތައްތަކަށް ރައީސް މިރޭ ވަނީ "ހަޖޫ" ޖައްސަވާފަ އެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ރާއްޖެ ވިއްކާނުލައި އިންވެސްޓަރުން ގެނެވިފައިނުވާ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ކުދި މަޝްރޫއުތަކަށް "ފަޅުރަށްތަކާއި އެނދުގައި އޮތް ގޮދަނޑި ވިއްކާލައިގެން ނޫނީ" އިންވެސްޓަރުން ގެނެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"...ފަޅުރަށްތަކާއި ގޭގައި ނިދާ އެނދުގަ އޮތް ގޮދަނޑި ވިއްކަލައިގެން ނޫނީ މިތަނަށް ބޭރުގެ އިންވެސްޓަރުން ގެނެވިފައެއް ނެތް. އެހެންވެގެން ދެއްތޯ ކުޑަ ކުޑަ މަޝްރޫއަކަށް ޖެހިގެން އޮންނަ ދެތިން ފަޅުރަށް ވިއްކާލާފައި ހުރީ،" ރައީސް ޔާމިން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ފުރަތަމަ 50 ދުވަހުގެ ތެރޭގައި ރާއްޖެ ވިއްކާނުލައި އިންވެސްޓަރުން ހޯދިދާނެކަން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން މާލެ-ހުޅުމާލެ ބްރިޖުގެ މަޝްރޫއަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިންފާޅު ކުރުމުން ބޭރު އިންވެންސްޓަރުންގެ އިތުބާރު އޮތްކަން "ރަމްޒުކޮށްދޭ" ކަމަށް ރައީސް ވިދާޅުވި އެވެ.
މިމަހުގެ އެކަކުން ފެށިގެން ހަތަރު ދުވަހަށް އިންޑީއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ އެ ދަތުރުފުޅުން ވެސް ދިވެހި "ބިމުން ކައިވަތެއް" ވެސް ދޫކޮށްލަން އެމަނިކުފާނަށް ނުޖެހުނު ކަމަށެވެ.
"އަޅުނގަޑު ވެސް މިއައީ ދަތުރެއް ކޮށްފައި. އިރާދަކުރެއްވިއްޔާ ދިވެހި ބިމުން ކައިވަތެއް ކީއްކުރަން އިންޗިއެއް ވެސް އަޅުގަނޑަކަށް ދޫކޮށްލާކަށް ނުޖެހޭ،" އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލު ކުރި ދަތުރުފުޅަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރެއް ޖަވާބުދާރީ ކުރުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނީ އެ ސަރުކާރަކުން ހުށަހަޅާ ބަޖެޓަށް ވޯޓުދީ، ވަޒީރުންނަށް ރުހުންދިނުމަށްފަހު ކަމަށެވެ.
ހުޅުމާލެ ޔޫތް ސިޓީއަކަށް ހަދާނެ ކަމަށް ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައި ވާތީ ރައީސް ވިދާޅުވީ އެ ވައުދު ފުއްދަވާނެ ކަމަށާއި އެކަން ފުރިހަމަ ކުރެވޭނީ މާލެ-ހުޅުމާލެ ދޭތެރޭގައި ބްރިޖަކުން ގުޅާލުމުން ކަމަށެވެ.
ޒުވާނުންނަކީ ޕީޕީއެމްގެ ސަރުކާރުގައި ވަރަށް މުހިއްމު ބައެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ޒުވާން ވިޔަފާރި ވެރިން ތަމްރީން ކުރުމަށް ވައުދުވެފައިވާތީ އޭގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުދި މެދުފަންތީގެ ވިޔަފާރިގެ މިސްރާބު މާދަމައިން ފެށިގެން ބަދަލުވެގެން ދާނީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.