ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް މީހުން ބިނާކުރުމުގައި ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ޗައިނާގެ ވައިސް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ލިއު ޜެންމިން، ފާޅުކުރައްވައިފި އެވެ.

އެ މަނިކުފާނު އެކަން ފާޅުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން، ޗައިނާގައި އިތުރަށް އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި ޚާއްޞަކޮށް އިޖުތިމާޢީ އަދި އިގްތިޞާދީ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެ އާއި ޗައިނާއާ ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްގީގެ ތަފާތު ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތަކަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖެ އާއި ޗައިނާއަކީ ވެސް އެއްބަޔަކު އަނެއް ބައެއްގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރާ ދެ ގައުމުކަން ބަޔާންކުރައްވަމުން، ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ޙައްލުކުރުމުގެ ގާބިލުކަން ރާއްޖެއަށް ލިބިފައިވާ ކަމަށް ޗައިނާ ސަރުކާރުން ގަބޫލުކުރައްވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ، ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.

ޗައިނާގެ ވައިސް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އިން އަބަދު ވެސް ރާއްޖޭގެ ސިޔާދަތަށް އިޙްތިރާމްކުރާނެ ކަމަށާއި އިގްތިޞާދީ އަދި އިޖުތިމާއީ ދާއިރާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވި އެވެ. އެރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިންނާއި މެރިޓައިމްގެ ދާއިރާއިންނާއި ޢިމާރާތްކުރުމުގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.