ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ފަސް އަހަރު ދުވަހުގެ މަގު ޗާޓެއް އެކުލަވާ ލުމަށް ބަންޑާރަ ނައިބު އޮފީހުން ނިންމައިފި އެވެ.

ޖިނާއީ އަދުލުގެ ނިޒާމް ހަރުދާނާ ކުރުމަށް ކުރަން ޖެހޭ ކަންތަކުގެ މަގުޗާޓެއް އެކުލަވާލާނެކަން ބަންޑާރަ ނައިބު އޮފީހުން އިއުލާން ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރޭގަ އެވެ.

ބަންޑާރަ ނައިބު އޮފީހުން ވަނީ އާ ސަރުކާރުގެ 100 ދުވަސް ތެރޭގައި މައިގަނޑު ހަތް ކަމެއް ކުރުމަށް ނިންމައިފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ދުސްތޫރީ ގާނޫނީ އަދި ޝަރުއީ ނިޒާމު ހަރުދާނާ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރަށް މަގުޗާޓެއް ވަނީ އެކުލަވާލުމަށް ހަމަޖައްސާފަ އެވެ. ހަމަ އެހެންމެ މަދަނީ ނިޒާމު ހަރުދަނާ ކުރުމަށް ވެސް މި ސަރުކާރުގެ 100 ދުވަސް ތެރޭގައި މަގުޗާޓެއް އެކުލަވާލާނެ ކަމަށް ބަންޑާރަ އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބަންޑާރަ ނައިބު އޮފީހަކީ ރަނގަޅު ނަތީޖާ ނެރެވޭ ޕްރޮފެޝަނަލް ތަނަކަށް ހެދުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ އިރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ލެޖިސްލޭޓިވް އެޖެންޑާއެއް އެކުލަވާލުމަށް ވެސް ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެ އެވެ.