މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން ކަމަށް އަލީ ވަހީދު (ބަލަކު) އައްޔަން ކުރިތާ ދެ އަހަރު ފުރުނު ދުވަހެވެ. ޖެނުއަރީ 6، 2012 ގައި ނިއުގެ ޗެއާމަން ކަމަށް ޒުވާން ބަލަކު ހަވާލުވެވަޑައިގެންނެވި ފަހުން އެ ކްލަބުން ވަނީ ތާރީހީ ކާމިޔާބުތަކެއް ހާސިލްކޮށްފަ އެވެ.

ތައްޓެއްގައި ބީހިލުމުގެ ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށް ފަހު ނިއުގެ ޗެއާމަން ކަމަށް ބަލަކު އައްޔަން ކުރި ފަހުން އޭނާ ވަނީ އެ ކްލަބާ ދޭތެރޭގައި ކްލަބުގެ ސަޕޯޓަރުން ދެކެމުން އައި އެތައް ހުވަފެނެއް ހަގީގަތަކަށް ހައްދަވައި ދެއްވާފަ އެވެ. އެގޮތުން ކްލަބުގެ މެނޭޖްމަންޓަށް ޒުވާން އަދި ތައުލީމީ ފައުޖެއް ގެނެސް ކްލަބުގެ ހިންގުމުގެ އިތުރަށް ހަރުދަނާ ކުރި އެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން މޮޅެތި ކުޅުންތެރިން ތަކެއް ގެނެސް ކްލަބުގެ ސްކޮޑް ވެސް ރާއްޖޭގެ ޓީމެއް މިއިން ދުވަހަކު ނުދެކޭހާ ވަރުގަދަ ސްކޮޑަކަށް ބަދަލު ކޮށްލި އެވެ.

ބަލަކުގެ ޗެއާމަން ކަމުގެ ފުރަތަމަ އަހަރު ނިއުއިން ވަނީ އެ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޖެހިގެން އައި 2013 ވަނަ އަހަރު އެ ކްލަބު ވަނީ ހަތް އަހަރުގެ މެދު ކެނޑުމަކަށް ފަހު އޭޝިޔާ ސަރަހައްދުގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ ބޮޑު މުބާރާތެއް ކަމަށްވާ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ނިއުގެ ރެކޯޑް އަހަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ފާހަގަވެގެންދިޔަ އިރު އެ ކްލަބުން ވަނީ 100 ޕަސެންޓުގެ މޮޅުވުމުގެ ރެކޯޑަކާ އެކު ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޅުނު ހުރިހާ ފުޓްބޯޅަ މުބާރާތެއްގެ ތަށި އުފުލައިލާފަ އެވެ.

ނިއުރޭޑިއަންޓުގެ އާ މެނޭޖްމަންޓު ކްލަބާ ހަވާލުވިފަހުން އެޓީމު މިހާތަނަށް 55 މެޗު ކުޅެފައިވާއިރު އޭގެތެރެއިން 47 މެޗުން ވަނީ މޮޅުވެފަ އެވެ. ހަތަރު މެޗުން އެއްވަރު ވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ނިއު ބަލިވެފައި ވަނީ ވެސް އެންމެ ހަތަރު މެޗުންނެވެ. އެގޮތުން އެ ޓީމު ބަލިވި މެޗުތަކުގެ ތެރޭގައި އޭއެފްސީ ކަޕްގައި މިދިޔަ އަހަރު ބިދޭސީ ކްލަބުތަކާ ވާދަކޮށް ބަލިވި ތިން މެޗު ހިމެނެ އެވެ.

ނިއުރޭޑިއަންޓުން މިދިޔަ އަހަރު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލަބު ޓްރެއިނިން އެކަޑަމީއެއް ތައާރަފް ކޮށްފަ އެވެ. މިދިޔަ އަހަރު 60 ކުދިންނަށް އެކަޑަމީން ފުރުސަތު ދީފައިވާއިރު އެކަޑަމީގައި ތަމްރީނު ދިނުމަށް ގެނެސްފައި ވަނީ ބަލްގޭރިޔާގެ ތަޖްރިބާކާރު ފުޓްބޯލް ޓްރެއިނަރެކެވެ.

ކާމިޔާބު ދެއަހަރަށްފަހު ނިއުގެ ޗެއާމަން ބަލަކު ވިދާޅުވީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ، "ނިއުގެ އުފާވެރި ދުވަސްތައް އަނބުރައި ގެނެސްދެވުމުން" ކަމަށެވެ.

"ދެ އަހަރު ދުވަހުގެ ތެރޭގައި ހަތް ޓްރޮފީ ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއް. އެކަމަކު އަޅުގަނޑު އެންމެ އުފާވާ ކަމަކީ، ނިއުގެ އުފާވެރި އަހަރުތައް އަލުން އަނބުރައި ގެނެސް ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނުން،" ބަލަކު ވިދާޅުވި އެވެ.

ނިއުރޭޑިއަންޓް މިހާރު ތައްޔާރުވަމުން ދަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެސް ވޭތުވެދިޔަ އަހަރުގެ ކާމިޔާބު ތަކުރާރު ކުރުމަށެވެ. އަދި ބަލަކުގެ އެންމެ ބޮޑު އުމްމީދަކީ މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ކާމިޔާބުކޮށް ނިއުއަށް އެ މުބާރާތުގެ ތަށި މިލްކުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރަކީ އަޅުގަނޑުމެންނަށް ދިވެހިލީގާއި ޕްރެޒިޑެންޓް ކަޕް ވެސް މިލްކު ކުރަން ފުރުސަތު ލިބިފައިވާ އަހަރެއް. އެކަމަކު އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކުރުން. އެއީ މީގެ ކުރިން އެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ހަމަ އެކަނި ވިކްޓަރީ،" ބަލަކް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއުއިން ތައްޔާރުވަމުން އަންނައިރު އެ ކްލަބުން ވަނީ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ޑިފެންޑަރު އެންޖެލް ޕެރޭޒް ގާސިއާ ކްލަބުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އަދި ކްލަބުން ގެއްލިގެން ދިޔަ ގައުމީ ޓީމުގެ ކެޕްޓަން އަދި ގައުމީ ފޯވާޑް އަލީ އަޝްފާގު ނެތްތަން ފޫބެއްދުމަށް ނިއުއިން ވަނީ ބްރެޒިލްގެ ފޯވާޑެއް ވެސް އެ ކްލަބަށް ގެނެސްފަ އެވެ.

ނިއުގެ މެނޭޖްމަންޓް އިތުރަށް ހަރުދަނާ ކުރުމަށް އެ ކްލަބުން ވަނީ ނިއުގެ ޒުވާން މެނޭޖްމަންޓުގެ މެނޭޖަރަކަށް ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ހަމަޖައްސައިފަ އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަރުދަނާ ފުޓްބޯޅަ ކްލަބަށްވާއިރު އެ ކްލަބު ހިންގާ ގޮތަށް ރާއްޖޭގެ އެހެން ޓީމުތައް ހިނގުމަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ވެސް މުހިއްމު ކަމެކެވެ.