12 Dec 2010, 10:36
އެމެރިކާގެ އިސް ޑިޕްލޮމޭޓެއް ކަމަށްވާ ޕާކިސްތާނަށާއި އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބު ރިޗަޑް ހޯލްބްރޫކްއަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާގުޅިގެން އެމެރިކާގެ ޖޯޖް ވޮޝިންގޓަން ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި އޭނާ އެޑްމިޓް ކުރެވިއްޖެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި ޢުމުރުފުޅުން ފަސްދޮޅަސް ނުވަ އަހަރުގެ ހޯލްބްރޫކް ކުއްލި ޙާލަތުގައި ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހުކުރުދުވަހު އޭނާގެ އޮފީހުގައި ހުންނަވަނިކޮށް އަނބުރައިގަނެ ބިންމައްޗަށް ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީ ހޮސްޕިޓަލުން ބުނިގޮތުގައި ހޯލް ބްރޫކަަށް ކުރިމަތިވި މައްސަލައަކީ ހިތަށް ލޭފޮނުވާ މައިނާރުތަކުގެ ތެރޭން ނާރެއް ފަޅައިގެން ދިޔުމެވެ. މިކަމާބެހޭ ޚާއްސަ އޮޕަރޭޝަނެއް ކުރުމަށްފަހު މިހާރު ހޯލް ބްރޫކް އޮންނެވީ ވަރަށް ކްރިޓިކަލް ޙާލަތެއްގައި ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގަ އެވެ.
ރިޗަޑް ހޯލްބްރޫކަކީ ބޮސްނިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައި ޑޭޓަން އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މެދުވެރިއެއްގެބައި އަދާކުރެއްވި އެމެރިކާގެ ސީނިއަރ ޑިޕްލޮމޭޓެކެވެ. އޭނާއަކީ ޖަރުމަނަށް އެމެރކާއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމްވެސް ފުރައްވާފައިވާ ބޭފުޅެކެވެ. އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބުކަމުގެ މަޤާމަށް ހޯލްބްރޫކް އިސްކުރެވުނީ 2009 ވަނަ އަހަރުގައެވެ.