06 Jan 2014, 17:54
އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތް ކުރުމަށް ލުއި ލޯން ދޭނެ ސްކީމެއް ސަރުކާރުން މިއަދު ތައާރަފްކޮށް އެލޯނު ދޭން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުޢިއްޒު ވިދާޅުވީ އެ ހައުސިން ފައިނޭސް ލޯން ސްކީމަކީ އިސްލާމިކް ފައިނޭސް މޮޑެލްގެ ދަށުން އެޗްޑީއެފްސީ މެދުވެރިކޮށް މިނިސްޓްރީން ހިންގާނެ ސްކީމެއް ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ލިބެނީ ވަކިވަރަކަށް ވުރެ އާންމު ދަނީ ދަށްފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ލޯން މިލިބެނީ ޖުމްލަ އާންމުދަނީ އާއިލާގެ ވަކިވަރަކަށް ވުރެ ދައްފަރާތްތަކަށް. މާބޮޑަށް އާންމުދަނީ ލިބޭ ފަރާތްތަކަށް މިކަހަލަ ލުއި ލޯން ލިބޭނެ ސްކީމެއް ހުޅުވާލުމުގެ ބޭނުމެއް ނޯންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ އިޖްތިމާއި ލޯން ސްކީމަކަށް ވާތީވެ، މި ސްކީމް ހުޅުވާލަނީ އާންމު ދަނީ ކުޑަފަރާތްތަކަށް އެ ފަރާތްތަކުގެ ގޯތި އޮވެމެ، ގޯތީގައި ގެއެޅޭނެ ގޮތެއް ނެތް ފަރާތްތަކަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގިނަ ރަށް ރަށުގައި އެންމެ ބޮޑަށް ދިމާވެފައިވާ ގެދޮރު އިމާރާތް ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގައި ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ލޯނު ލިބޭ ފަރާތްތަކަށް އެލިބޭ ފައިސާ ދައްކަން ޖެހޭނީ 20 އަހަރު ދުވަހުގެ ތެރޭގައި. ލޯނު ދޭނެ އެންމެ މަތީ އަދަދެއް އަދި ކަނޑައަޅާފައިނުވާނެ. އެކަމަކު އޭގެ ތަފްސީލް ވެސް ވަރަށް އަވަހަށް އާންމު ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ ސްކީމެއް ތައާރަފް ކުރެވި ހިންގަމުން އާކަމަށާއި އެއީ 2007 ވަނަ އަހަރު ކަމަށެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު ސަރުކާރާ ހަވާލުވި ފަރާތްތަކުން އެކަން ހުއްޓުވާލީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.