އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޭރިއަލް ޝެރޯންގެ ހާލު އިތުރަށް ގޯސްވެ ފުރާނަ ސަލާމަތް ނުކުރެވޭ ހާލުގައި އޮތްކަމަށް އޭނާ އަށް ފަރުވާދިނުމަށް އެޑްމިޓް ކޮށްފައިވާ ތެލް އަވީވްގެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭނާގެ ހަރުކަށި ސިޔާސަތާއި އަމަލުފުޅުތަކުގެ ސަބަބުން "ބުލްޑޯޒަރު"ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އުމުރުން 85 އަހަރުގެ ޝެރޯންގެ ހާލުކޮޅު އިތުރަށް ގޯސްވާން ފަށާފައިވަނީ، ކިޑްނީ އޮޕަރޭޝަނަކަށް ފަހު އަންގާރަ ދުވަހުން ފެށިގެން އިތުރު މައްސަލަތަކެއް ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުންނެވެ.

ތެލް ހޮޝްމާ ހޮސްޕިޓަލްގެ ޑިރެކްޓަރު ޒީވް ރޮޓްސްޓެއިން ވިދާޅުވި ގޮތުގައި ޝެރޯންގެ ހާލު އަދިވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ.

"އަޅުގަނޑުމެން ހީކުރި ގޮތާ ހިލާފަށް އޭނާގެ ހާލުކޮޅު ވަނީ އިތުރަށް ގޯސްވެފައި... އޭނާގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރަމުންނެއް ނުދޭ،" ރޮޓްސްޓެއިން ވިދާޅުވި އެވެ. "މުސްތަގުބަލުގައި ވާނޭ ކަންތައްތަކަކީ އެނގޭ ކަމެއް ނޫން. އެހެން ނަމަވެސް މިކަމުން ސަލާމަތްވުމަކީ ނާދިރު ކަމެއް."

ހުކުރު ދުވަހު އެ ހޮސްޕިޓަލުން ބުނެފައި ވަނީ، ޝެރޯންގެ ލޭގެ ނިޒާމުން އިތުރު އިންފެކްޝަންތައް ފެންނަން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އެހެން ގުނަވަންތައް ވެސް ނާޒުކު ހާލަތެއްގައި ވުމުގެ ސަބަބުން "ރީނަލް ޑައިލިސިސް" ވެސް ހެދެން ނެތްކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ ކަނާތު ފިޔައިގެ ނޭޝަނަލިސްޓް ކޭމްޕުގެ ސިޔާސީ ލީޑަރުކަން ދިގު މުއްދަތަކަށް ކުރެއްވި ޝެރޯން އަށް 2006 ވަނަ އަހަރުގެ ޖެނުއަރީ މަހު "ސްޓްރޯކެއް" ޖެހި ކޯމާއަކަށް ދިޔަފަހުން އޭނާ އަދި މިހާތަނަށް ވެސް ރަނގަޅުވެފައެއް ނުވެ އެވެ.

ޝެރޯން އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް ފުރަތަމަ ފަހަރަށް ހޮވުނީ، 2001 ވަނަ އަހަރު އެވެ. އޭނާ އެމަގާމަށް އިންތިހާބު ކުރެވުނީ އިރުމަތީ ގުދުސްގައި ހުންނަ މުގައްދަސު މިސްކިތް ކަމަށްވާ އަލް އަގްސާ މިސްކިތް ހުންނަ ބިމަށް ހިންގަވާފައި ވަޑައިގެންނެވިތާ މަސްތަކެއް ފަހުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެމެދު ދެވަނަ ފަހަރަށް ނުތަނަވަސްކަން އުފެދެން މެދުވެރިވި ހާދިސާ އަކީ ވެސް ޝެރޯން އަގްސާ މިސްކިތަށް ކުރި ޒިޔާރަތެވެ.

ޝެރޯން ވަނީ އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ ބިންތަކުގެ ބޮޑުބައެއް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އާބާދުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާފަ އެވެ. އަދި ޝެރޯން ވަނީ އޭނާގެ ވެރިކަމުގައި އިސްރާއީލު އަމިއްލައަށް އެބައިމީހުންގެ ބޯޑަރެއް ވެސް ގާއިމްކޮށްފަ އެވެ.

އިސްރާއީލުގެ ތާރީހުގައިވެސް ފެނިގެން ދިޔަ އެންމެ ހަރުކަށި ވެރިކަމުގެ ދުވަސްވަރަކީ ޝެރޯން ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ވީނަމަވެސް 2001 ވަނަ އަހަރު އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ 1967 ވަނަ އަހަރު ޔަހޫދީން ފަލަސްތީނުގެ ޣައްޒާއިން ފޭރިގެންފައިވާ ބިންތަކުގައި އާބާދުވި އިސްރާއީލީ އާއިލާތަކާއި އެގައުމުގެ ސަލާމަތީ ބާރުތައް އެތަނުން ބާލުވާފަ އެވެ.

ޣައްޒާއިން ޔަހޫދީ ބާރުތައް ބޭލުވި ނަމަވެސް ޝެރޯންއަށް 2006 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން ކޯމާއަށް ދިއުމުގެ ކުރިން ފަލަސްތީނުގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުވެފައިވަނީ މެދުއިރުމަތީގެ ހާލަތު ރަނގަޅު ކުރެވޭނީ ޝެރޯންއާ ނުލައި ކަމަށެވެ.